ސ. ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 24 އަހަރުގެ ޒުވާނަކު މިރޭ މަރުވެއްޖެ އެވެ.

މި އެކްސިޑެންޓްގައި މަރުވީ ސ، ހިތަދޫ، ރަހަދޫ، މުހައްމަދު އަލްތާފް އެވެ. އޭނާގެ ޖަނާޒާ މިއަދުގެ މެންދުރު ނަމާދަށްފަހު ހިތަދޫ މަސްޖިދުއް ތަގުވާގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށްވެ އެވެ. އަދި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ.

މި ހާދިސާގައި އޭނާގެ ބޮލަށް ވަރަށް ގެއްލުން ލިބުނުއިރު، އެ އެކްސިޑެންޓް ހިނގިއިރު އެ ސައިކަލުގައި އިނީ އެ ޒުވާނާ އެކަނި ކަމަށް ވެސް އެނގިފައިވެ އެވެ.

ފުލުހުން އެ އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ރޭ 12:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.