ވޮޝިންޓަން (18 އޮކްޓޯބަރު) - އެމެރިކާގެ ކުރީގެ ސްޓޭޓް ސެކެޓްރަރީ ކޮލިން ޕަވެލްއަށް ކޮވިޑް ޖެހި ފަރުވާ ހޯދަމުން ދަނިކޮށް އަވަހާރަ ވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

އުމުރުން 84 އަހަރުގެ ޕަވެލް ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ކަމަށާއި ކޮވިޑް ޖެހިގެން ފަރުވާ ހޯއްދަވަމުން ދިޔައީ ވޯލްޓާ ރީޑް ނެޝަނަލް މެޑިކަލް ސެންޓަރުގައި ކަމަށް ޕަވެލްގެ އާއިލާއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޕަވެލް ވަނީ އެމެރިކާގެ ސްޓޭޓް ސެކެޓްރަރީކަން ކުރުމުގެ ކުރިން އެ ގައުމުގެ އަސްކަރިއްޔާއަށް ވެސް ހިދުމަތް ކޮށްދީފަ އެވެ. އެގޮތުން އިރާގު ހަނގުރާމާގައި ކުވެއިތުން އިރާގުގެ ސިފައިން ބޭލުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭނާ އެވެ.

ރިޕަބްލިކް ޕާޓީއަށް ނިސްބަތްވާ ޕަވެލް އެމެރިކާގެ ސްޓޭޓް ސެކެޓްރަރީގެ މަގާމާ ހަވާލުވީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގަ އެވެ.

ބުޝް ވަނީ ޕަވެލްއަކީ އެމެރިކާއަށް ލިބިފައިވާ ރައުސްމާލެއް ކަމަށް ބުނެފަ އެވެ.

2003 ވަނަ އަހަރު އިރާގު ހަނގުރާމައާ ބެހޭ ގޮތުން ޕަވެލް ދެއްކެވި ވާހަކަ ތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އޭނާގެ މަގުބޫލުކަން އެ ގައުމުގައި ވަނީ ކޮންމެ ވެސް ވަރަކަށް ފަނޑުވެފަ އެވެ.

ނަމަވެސް ޕަވެލް އަވަހާރަވުމާއެކު އެމެރިކާގެ ގިނަ ބަޔަކު ވަނީ އޭނާގެ ހިދުމަތްތައް ފާހަގަކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ. -- އަލް އަރަބިއްޔާ