ތެހެރާން (19 އޮކްޓޯބަރު) - އެމެރިކާއިން އީރާނާއެކު ނިއުކްލިއާ މަޝްވަރާތައް ފަށަން ބޭނުންނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް އީރާނުން ގޮވާލައިފި އެވެ.

ދައުލަތުގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވީ އީރާނުން އެއްވެސް އިރެއްގައި މަޝްވަރާތައް ދޫކޮށްލާފައި ނުވާނެ ކަމަށާއި ހުޅަނގުގެ ގައުމުތަކާއެކު އެއްބަސްވުމަކަށް އައުމަށް އީރާނުން މަސައްކަތް ކުރާ ކަމަށެވެ.

"ދަތި ކުރުމުގެ ފިޔަވަޅުތައް ނެގުމަކީ ނިއުކްލިއާ މަޝްވަރާތައް ފަށަން ބޭނުންވާ ކަމުގެ އިޝާރާތެއް ކަމުގައި ބަލައިގަންނާނަން،" ރައިސީ ވިދާޅުވި އެވެ.

އީރާނާއި އެމެރިކާ ޔޫރަޕްގެ ބައެއް ގައުމުތަކާއެކު 015 ވަނަ އަހަރު ވެވުނު ނިއުކްލިއާ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް މިއަހަރުގެ ޖޫން މަހުން ފެށިގެން ހުއްޓުމަކަށް އައިސްފައިވާއިރު އޮގަސްޓް މަހު ވެރިކަމާ ހަވާލުވި ރައިސީގެ ސަރުކާރުން މިހާތަނަށް މަޝްވަރާތައް އޮންނާނެ ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.

2015 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން އެކި ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް ނެގުމުގެ ބަދަލުގައި އެގައުމުން އުފައްދާ ޔުރޭނިއަމްގެ މިންވަރު ދަށް ކުރެވޭނެ އެވެ.

ނަމަވެޑސް އެއްބަސްވުމުގެ މަސައްކަތްތައް ހުއްޓުމާއެކު އީރާނުން ވަނީ އެއްބަސްވުމާ ޚިލާފުވެ ޔޫރެނިއަމް އުފެއްދުން އަނެއްކާ ވެސް އިތުރު ކޮށްފަ އެވެ

އެމެރިކާއިން މަޝްވަރާތައް އަލުން ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށްފަ އެވެ.– އަލް އަރަބިއްޔާ