ގަވާއިދާ ހިލާފަށް ހިފި ފްލެމިންގޯތަކެއް ހއ. ބާރަށުގައި ގެންގުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އީޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ބާރަށުގައި ހިފައި ބަންދުކޮށްފައި ހުރި ފްލެމިންގޯތަކެއް ހޯދާފައިވާ ކަމަށާއި، ދޫނިތައް ފުލުހުންގެ ހިމާޔަތަށް ގެނެވިފައިވާ ކަމަށެވެ. އަދި ފްލެމިންގޯ ދޫނިތައް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ޅ. މާކޯ މެންގްރޫވްސްގައި ހިމާޔަތް ދީގެން ބެލެހެއްޓޭނެ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

މި މުއްދަތުގެ ތެރޭގައި ދޫނިތަކަށް އިތުރު ގޯނާއެއް ވެފައި ހުރިތޯ ބެލުމަށާއި ދޫނިތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް އެޓޯލް ވޮލެންޓިއާޒްގެ ވެޓެރިނަރީ ޑޮކްޓަރަކު ހަރަކަތްތެރިވަމުން ގެންދާނެ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

މި ދުވަސްވަރަކީ ދޫނިތައް ހިޖުރަކުރާ މޫސުމަށް ވުމާ ގުޅިގެން ރާއްޖެ އަށް ހިޖުރަކުރި ފްލެމިންގޯތަކެއް ބަޔަކު ވަނީ ހިފައި ބޮޑެތި އަގުތަކުން ވިއްކުމަށް ސޯޝަލް މީޑިޔާގައި އާންމުކޮށްފަ އެވެ.

ނަމަވެސް އޭގެ ތެރެއިން އެއް ދޫނީގެ ފިޔަތައް ކޮށާލާފައިވާކަން ފާހަގަކޮށް އީޕީއޭއިން ވަނީ ދޫނިތައް ހިޖުރަކުރާއިރު އެ ދޫންޏަށް ނުއުދުހެވުމުގެ ސަބަބުން ހިޖުރަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ ރާއްޖެއަށް ހިޖުރަކޮށްފައިވާ ފްލެމިންގޯ ދޫނިތައް ހިފައި ބަންދުކޮށްގެން އުޅުނު މީހުންގެ އަތުން އެ ދޫނިތައް ހޯދައި ހިމާޔަތްކުރުމަށް ވެދިން އެހީތެރިކަމާއި، ފޯރުކޮށްދިން އެއްބާރުލުމަށް އެ އިދާރާއިން ފުލުހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފުމާއި އެއަށް ގޯނާކުރުން މަނާކޮށްފައިވާއިރު، މިކަން ކޮށްފި ބަޔަކަށް، ގުދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވެ އެވެ.