ސިންގަޕޫރު (22 އޮކްޓޯބަރު) - ސިންގަޕޫރުގައި ކޮވިޑް -19ގެ ކޭސްތައް އިތުރުވަމުން ދާއިރު އެ ގައުމުގެ ހޮސްޕިޓަލުތަކުގެ އައިސީޔޫ ތިންބައިކުޅަ ދެބައި ފުރި ސިއްހީ ދާއިރާއަށް ބާރު ބޮޑުވަމުންދާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު އޮންގް ޔޭ ކުންގް ވިދާޅުވެއްޖެ އެވެ.

އެ ގައުމުގައި 200 އަށްވުރެ ގިނަ އައިސީޔޫ އެނދުތައް ހުރިއިރު އެ އެނދުތަކުގެ 89 ޕަސެންޓް ވަނީ ފުރިފަ އެވެ. އޭގެ ތެރެއިން 71 އެނދުގައި ވެންޓިލޭޓަރު ގުޅާފައިވާ ބަލި މީހުން ތިބިއިރު، މި އަަދަދުތައް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އޮންގް ވަނީ ފާޅުކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން އައިސީޔޫގައި އެނދުމަތި ކުރެވޭ ބަލި މީހުން އެވްރެޖްކޮށް 15 ދުވަސް އައިސީޔޫގައި ހޭދަކުރާއިރު ކޭސްތައް އިތުރުވާ މިންވަރަށް ބަލާއިރު އައިސީޔޫ އެނދުތައް މަދުވާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

"ހާލަތު ގޯސްެވެދާނެ ކަމަށް ހޮސްޕިޓަލުތަކުން އަންނަނީ ތައްޔާރު ވަމުން. މިކަމުގައި މިނިސްޓްރީންނާއި ސަރުކާރުން ވެސް އަންނަނީ ވެވުނު ވަރަކުން އެހީ ފޯރުކޮށްދެމުން،" އޮންގް ވިދާޅުވި އެވެ.

އޮންގް އިތުރަށް ވިދާޅުވީ ބޭނުން ޖެހިއްޖެ ނަމަ އިތުރު އައިސީޔޫ އެނދުތައް ބަހައްޓާނެ ކަމަށާއި އެނދުތަކުގެ އަދަދު 300 އަށް އިތުރު ކުރުމުގެ ގާބިލިއްޔަތު މިވަގުތު އެބަހުރި ކަމަށެވެ.

ސިންގަޕޫރުގެ ހޮސްޕިޓަލުތަކަށް ބާރުބޮޑު ވުމުގެ ސަބަބުން އެގައުމުގައި ހާލުބޮޑު ނުވާ ކޮވިޑް ބަލިމީހުންނަށް ދަނީ ގޭގައި ތިބެގެން ފަރުވާ ހޯދުމުގެ ހޯމް ރިކަވަރީ ޕްރޮގްރާމް ހުށައަޅަމުންނެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި އެނދުމަތި ކުރެވެނީ ގާތުން އޮބްޒަވޭޝަން ބޭނުންވާ ބަލިމީހުން އެކަނި ކަމަށް އޮންގް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ހޮސްޕިޓަލްތަކުގައި މިވަގުތު މުޅި ޖުމްލަ 4،200 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުތަކާއި ކޮވިޑް ސްޕެޝަލިޓީ ސެންޓަރުތައް ހިމެނެ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް