ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ވާހަކަ ދެކެވެމުން އަންނީ ކަން ހިނގި ގޮތަށްވުރެ ބޮޑުކޮށްގެންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ރޭ އެހުންތެރިއަކު، އެ މައްސަލާގައި ޕްރޮސީޖާއިން ބޭރުން އެއްވެސް ކަމެއް ހިނގާފައިވޭތޯ ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާ ކަމަށާއި ނަމަވެސް އާންމުންގެ ތެރޭގައި އެ މައްސަލަައިގެ ވާހަކަދެކެވެނީ ކަން ހިނގި ގޮތާ ޚިލާފަށް ކަމަށެވެ.

"އެންމެ ފުރަތަމަ އޭނާ ދޫކޮށްލުމުގައި އެބަހުރި ބައެއް ކަންކަން ޕްރޮސީޖާއިން ބޭރުން ހިނގާފައި. ހަމަ ތެދެއްމިއީ އަޅުގަނޑުވެސް އެވާހަކަ ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ހަމަ ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ މިއޮތީ،" އިމްރާން ވިދާޅުވި އެވެ.

އެންމެ ފުރަތަމަ އޭނާ ދޫކޮށްލުމުގައި އެބަހުރި ބައެއް ކަންކަން ޕްރޮސީޖާއިން ބޭރުން ހިނގާފައި. ހަމަ ތެދެއްމިއީ އަޅުގަނޑުވެސް އެވާހަކަ ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ހަމަ ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ މިއޮތީ
މިނިސްޓަރު އިމްރާން

މިނިސްޓަރު ވިދާޅުވީ އެކަން ހިނގާފައި ވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެ ފަދަ ކުޑަ ކަމެއް ކަމަށެވެ. އަދި އެއީ ރޭޕްކުރުމެއް ނޫން ކަމަށާއި އެކަމުގައި މީޑިއާ އާއި އާންމުންގެ ތެރޭގައި ދެކެވެނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެކަމަކު އެމައްސަލަ ގޮސް ރަނގަޅަށް ކައިރިން ބަލާލީމަ މިކަހަލަ ތާނކު އަޅުގަނޑަށް ސީދާ ފަސޭހައެއް ނޫން އެ ހިނގާފަ އޮތް ކަންތައް ނުވަތަ އެ އިބާރާތް ބުނާކަށް ވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރަފައި ވެސް ބައެއްގެ ތެރޭގައި ވެސް ހުރެފައި ވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަން ވެސް ނޭނގޭނެ ވެސް ކަމެކޭ ހިނގާފަ މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަޑުން ފޮނުވި ޕްރޮގްރާމްގައި ހޯމް މިނިސްޓަރު ރޭ ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެސްއެމް

އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެމައްސަލަ ބެލި މީހުންނަށް އެވަރު މައްސަލައެއް ކަމަށް ބެލެވިފައި ނުވަނީ ވެސް އެ މައްސަލައިގެ ކުޑަކަމުން ކަމަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެމައްސަލައިގައި އެކި ފަހަރުމަތިން އަންހެން މިހާގެ ބަޔާން ވެސް އެކިގޮތައް އައުމާއި މީޑިއާތަކާއި އާއްމުންގެ ކަންބޮޑުވުން ފަހުން އައުމުން އެމައްސަލަ ބެލުމުން އެއީ މައްސަލަ ބެލުމުގައި ހުރި މައްސަލަތަކެއް ކަމަސް ފާހަގަކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާމެދު ފުލުހުން ފުރަތަމަ އަމަލުކުރި ގޮތުގައި އުސޫލާއި ޚިލާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެމައްސަލާ އާންމުގެ ތެރޭގަ ދެކެވޭކަހަލަ ރޭޕް، ބޮޑު ރޭޕް ކޭސްއެއް ނެތް. މިއީ ހަގީގަތަކީ،" އިމްރާން ވިދާޅުވި އެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ.