ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން، އޭރުގެ ފިނޭންސް މިނިސްޓަރު ދަފްތަރު ނަންބަރު 1015، އަބްދުﷲ ޖިހާދުގެ މައްޗަށް، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ ހ. އާ ހަވާލާދީ، އެ މާއްދާގެ ށ. ގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ އެ މައްސަލައަކީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަހުގީގު ކޮށް، އެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ޖިހާދުގެ މައްޗަށް އެ ދައުވާ އުފުލީ ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު ދުވަހު ވަޒީރު 2011 ންގެ މަޖިލީހުން ނިންމަވާފައިވެ އެވެ. މި ނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަން ނުޖެހޭ ގޮތަށާއި، އެ މަޝްރޫއުގެ ތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ. ޖިހާދު، މިނިސްޓަ އޮފް ފިނޭންސްގެ މަގާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، ޖަނަވަރީ 13، 2013 . ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓްގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެ އެވެ. މީގެއިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުން ނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި، 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެކަމަކު ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ އޮފީހުން ބުނީ އެ މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށެވެ.

"ނަމަވެސް، މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް، 16 ފެބުރުވަރީ ގައި، 2016 އޭރު އެ ކޮމިޝަނުން ނިންމާފައިވެ އެވެ. މި ނިންމުމުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވޭ ކަމަށް ބެލުމުގެ ފުރުޞަތު އޮތަތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި މި އޮފީހުން ދަންނަވާފައިވާނެ އެވެ." އެ ބަޔާނުގައިވެ އެވެ.