ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިވަގުތު އޮތީ އަންދާސާ ކުރި ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 108 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ބޭއްވި އެ ބޭންކުގެ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ސީއީއޯ ވިދާޅުވީ މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް ކަމަށެވެ.

މިދިޔަ ކުއާޓަރުގައި ބޭންކުން ހޯދައިފައިވާ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ޓިމް ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ދާދި ފަހުން ތައާރަފް ކުރެވުނު ޑިޖިޓަލް ހިދުމަތްތައް ފާހަގަކުރައްވައި ކުރިން ލަފާކުރެވުނު މިންވަރަށްވުރެ މާލީ ގޮތުން ރަނގަޅު ނަތީޖާ އަށް ލިބުނުކަން ހާމަކުރައްވާފަ އެވެ.

"ޑިޖިޓަލައިޒް ކުރުމަކީ އަދިވެސް އަޅުގަނޑުމެން އެންމެ މުހިންމު އިސްކަމެއްދޭ އެއްކަންތައް. އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގެވެސް އެންމެ މުހިންމު ބަހާއަށް ވުމާއެކު އަޅުގަނޑުމެންގެ ސްރެޓަޖީއަކީ އެކުލަވާލެވިފައިވާ ޑިޖިޓަލް މަގުޗާޓާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭންކިންގ ހިދުމަތް ދިނުން،" އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ކޮންޓެކްޓް ސެންޓަރަށް ގެނައި އަޕްގްރޭޑާއި ތައާރަފްކުރި ޑިޖިޓަލް ޕިން، އޮންލައިން ކާޑް ސާވިސް އަދި ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީކުރުން ފަދަ އޮންލައިން ހިދުމަތްތަކާ ގުޅޭ ގޮތުން އިތުރަށް ޓިމް ވިދާޅުވީ ބޭންކުގެ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާ ފަދަ ބަދަލުތަކެއް އަންނަމުންދާތަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވެސް އަދި މަސައްކަތް ކުރަމުންދަނީ ވެސް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް. އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން،" ސީއީއޯ ވިދާޅުވި އެވެ.

މި ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ޓިމް ވިދާޅުވީ މިއީ ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާ އިން ނިކުތް ނަތީޖާއެއް ކަމަށެވެ.

"އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާ އަޅާބަލާއިރު ނަތީޖާ ވެސް ރަނގަޅު. އަދި އުއްމީދަކީ މިއަހަރު ނިމެންދެން ވެސް މި ކާމިޔާބީ ދެމެހެއްޓިގެންދާނެ ކަމަށް. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައު އަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،
ސީއީއޯ

"އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާ އަޅާބަލާއިރު ނަތީޖާ ވެސް ރަނގަޅު. އަދި އުއްމީދަކީ މިއަހަރު ނިމެންދެން ވެސް މި ކާމިޔާބީ ދެމެހެއްޓިގެންދާނެ ކަމަށް. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައު އަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ބޭންކުން ބުނިގޮތުގައި މި ކުއާޓަރުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުރު ފަސް ޕްރޮޖެކްޓް އެވޯޑް ކުރި ކަމަށެވެ. މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އަމާޒުކޮށް މިހާތަނަށް 55 ޕްރޮޖެކްޓް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"އަޅުގަނޑުމެން މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާނެ. މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށްވެސް ވެގެންދާނެ،" ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަހު، ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ބޭންކުގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމާއި އަގުވަޒަން ކުުރުމުގެ ގޮތުން ކުރެވިގެންދާނެ މުހިންމު ކަންތައްތަކެއް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.