ދުބާއީ އެކްސްޕޯ 2020ގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމަށާ އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ ޢަމަލު ގިނަކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ. އަދި ދެމެހެއްޓެނިވި، ވިލުންތެރި އަދި ތިމާވެއްޓާ ރައްޓެހި މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި ވަކިން ހާއްސަކޮށް ކޯވިޑް ޕެންޑަމިކް އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި ވަސީލަތްތައް ގާއިމުކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު މިކަމަށް އެދިވަޑައިގެންނެވީ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ޕެންޑަމިކް އިން މުޅި ދުނިޔެއާ ކުރިމަތިލާން ޖެހުނު ދަތި އުނދަގޫތަކުން އަރައިގަތުމުގެ މަސައްކަތްތައް މުޅި ދުނިޔޭގައި ކުރިޔަށްދާ މިފަދަ ދުވަސްވަރެއްގައި ޔޫއޭއީގައި މިފަދަ ފުރިހަމަ އަދި ބޮޑު އެކްސްޕޯއެއް އިންތިޒާމުކޮށް ބޭއްވެވީތީ ޔޫއޭއީގެ ލީޑަޝިޕަށް ތައުރީފު ކުރެއްވި އެވެ.

ދުބާއީގައި މިހާރު ކުރިޔަށްދާ "ދުބާއީ އެކްސްޕޯ 2020"ގައި ރައީސް ސޯލިހު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އެގޮތުން ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދުބާއީ އެކްސްޕޯއަށް 192 ގައުމެއް އެއްތަންކުރުމަކީ ޔޫއޭއީގެ ސަރުކާރުގެ ލީޑަޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި، ޔޫއޭއީ އަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން ފާހަގަކުރެއްވި އެވެ. އަދި ބައިނަލްއަގުވާމީ ބައެއް މައްސަލަތަކުގައި ދެ ގައުމުން ވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރައްވަމުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާ ޔޫއޭއީއާ އޮންނަ މި ގުޅުން އެގޮތުގައި ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސް ވަނީ ޔޫއޭއީގެ އިތުރުން ޖީސީސީއާއި އެމްއީއެންއޭ އާއި ރާއްޖޭގެ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންވާކަން ހާމަކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އެކްސްޕޯގައި ރާއްޖެއަށް ހާއްސަކުރި ދުވަހު ބޭނުންކުރި "ދޯނި" ކޮންސެޕްޓުގެ ތަފްސީލު ދެއްވަމުން ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދަށް ވާއިރު ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ދިވެހިވަންތަކަމާއި ގުޅިފައިވާ އެއްޗެއްކަން ފާހަގަކުރެއްވި އެވެ. ހަމައެހެންމެ، އެކްޕޯގައި ލިބޭ ފުރުސަތުތަކާއި ރާއްޖޭގެ ޕެވިލިއަންގެ ބޭނުން ހިފާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކައާއި ސަގާފަތާއި އަދި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދުބާއީގައި މިހާރު ކުރިޔަށްދާ "ދުބާއީ އެކްސްޕޯ 2020"ގައި ރައީސް ސޯލިހު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަމާބެހޭ ގުޅުން ހުރި ސްޓޭކް ހޯލްޑަރުން ކަމަށްވާ އިންޑަސްޓްރީ ފަންނުވެރިންނާއި ސިޔާސަތު ކަނޑައަޅާފަރާތްތަކާއި އިލްމީ ތަޖުރިބާކާރުންނާއި ސިވިލް ސޮސައިޓީ އެކްޓިވިސްޓުން ފަދަ ފަރާތްތައް ޝައުގުވެރިކުރުމަށް ދުބާއީ އެކްސްޕޯފަދަ އެކްސްޕޯތައް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ. އަދި މި ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ހައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތަޢާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން މި އެކްސްޕޯއަކީ އެއް ގައުމު އަނެއް ގައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުސަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަގުބަލަކާ ދިމާއަށް ދަތުރުކުރުމަށް ފުރުސަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއްކަން ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ކެބިނެޓް މެންބަރު، މިނިސްޓަ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނާ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ބައިވެރިވެވަޑައިގެންނެވި އެވެ.