ކެއުމުގައި ގެންގުޅެވޭ އާދަތަކަށް ގެނެވޭ ކުދި ކުދި ބަދަލު ތަކުން ހަށިގަނޑަށް ކުރިމަތިވެދާނެ ނުރައްކާ އަަކުން ސަލާމަތްވުމަށް އެހީވެދެ އެވެ.

އެކި މީހުންނަކީ ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ ރަހަތައް ހެޔޮވަރު ކުރުމުގައި އެކި ކަހަލަ މިންގަނޑުތައް ގެންގުޅޭ މީހުންނެވެ. އެގޮތުން ކާތަކެތީގައި ލޮނު ހެޔޮވަރު ކުރުމުގެ މިންގަނޑަކީ އެކި މީހުން އެކި ވަރަށް ގެންގުޅޭ މިނެކެވެ.

ލޮނަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ހަށިގަނޑުގައި ވަރު ޖައްސައިދީ މަސްތައް މަސައްކަތް ކުރުމަށް ހަށިގަނޑުގެ ތެރޭގައި ދަތުރުކުރާ ސިގްނަލްތައް އެންމެ ރަނގަޅަށް ދަތުރު ކުރުމަށް އެހީވެދިނުމުގެ އިތުރުން ހަށިގަނޑުގައި ހުންނަ ދިޔާ ތަކެތި އެއްވަރެއްގައި ބަހައްޓައި ދިނުމުގައި މުހިއްމު ދައުރެއް ލޮނު އަދާކުރެ އެވެ.

ނަމަވެސް މާގިނައިން ލޮނު ބޭނުންކުރުމަކީ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. ގިނައިން ލޮނު ބޭނުންކުރުމުގެ ސަބަބުން ގިނަ ވޭންތަކާއި ކުރިމަތިލާޖެހޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވަރަށް ވުރެން އިތުރަށް ލޮނު ބޭނުންކުރެވޭނަމަ ބޮޑެތިމީހުންނަށް ހިތުގެ މައްސަލަތަށް ކުރިމަތިވުމުގެ އިތުރުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ވެސް ބޮޑުވެ އެވެ ދިރާސާ ތަކުން ދައްކާ ގޮތުގައި ގިނައިން ލޮނު ބޭނުން ކުރާނަމަ ލޭމައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވާއިރު ސިކުނޑީގެ ބަލިތައް ޖެހި ހަނދާން ނެތުމުގެ ބަލި ނުވަތަ ހަނދާ ބަލިވާ މައްސަލައާއި ކުރިމަތިލާން ޖެހެ އެވެ.

އޭގެ އިތުރުން ވެސް ކަކޫ، ފައިތިލަ ނުވަތަ އަތް ދުޅަވުން ފަދަ ކަންކަމަކީ ވެސް ލޮނު ގިނައިން ބޭނުން ކުރެވޭނަމަ ކުރިމަތި ވެދާނެ އުނދަގުލެކެވެ. މިހެން ދިމާވަނީ މާގިނައިން ލޮނު ބޭނުން ކުރުމުން ހަށިގަނޑުގެ ޓިޝޫތަކުގައި ފެން އުފެދުމުގެ ސަބަބުން ނެވެ.

މިފަދަ ގިނަ ސަބަބުތަކަކަށްޓަކައި ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަކީ މުހިއްމު ކަމެކެވެ. އެންމެ މޮޅު ގޮތަކީ މިކަމުގައި ޑޮކްށަރެއްގެ ލަަފައާއި މަޝްވަރާ ހޯދުމެވެ.