ލިބުނު ޖިންސީ އަނިޔާތަކަށް، ފަރުވާ ހޯދަމުން ދަނިކޮށް މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި، ރޭޕްކުރިކަމުގެ ކުށުގެ ދައުވާ ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކުރި އިބްރާހީމް ޝާހު ކުއްލި ގޮތަކަށް މިރޭ މަރުވެއްޖެ އެވެ.

ތިނަދޫން ވާހަކަދެއްކި މީހަކު "ހުރިހާ"އަށް ބުނީ މިމަހުގެ އެއްވަނަ ދުވަހު ޖަލަށް ލުމަށް ހައި ކޯޓުން ހުކުމްކުރި ޝާހު ދޯންޏެއްގައި މަހަށް ނުކުމެ އުޅުނު ކަމެއް އެ ރަށު މީހުންނަށް އެނގުނީ އޭނާ މަރުވި ފަހުން ކަމަށެވެ. އޭނާ މަރުވީ ގއ. އަތޮޅުގައި މަހަށް ގޮސް އުޅެނިކޮށް މަހަކުން ޖެހިގެން ކަމަށް ވާހަކަދެކެވޭ ކަމަށް އެ މީހާ ބުންޏެވެ.

"މަރުވި ގޮތެއް މުޅިން ޔަގީނެއް ނުވޭ. އެ ދޯނީގެ ކެޕްޓަނަށް ގުޅީމަ ބުނި ޝާހު މަރުވެގެން ހަށިގަނޑު ތިނަދުއަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް،" ތިނަދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

މަރުވި ޝާހުގެ ހަށިގަނޑު މިރޭގެ ވަގުތެއްގައި ތިނަދުއަށް ގެންދެވޭނެ ކަމަށް އޭނާ ބުންޏެވެ.

އެ މީހާ ބުނީ ތިނަދޫ "ކަޅިރަވަ" ދޯނިން މަހަށް ގޮސް ހުއްޓާ އޭނާގައި ހެނދުނު މަހަކު ޖެހުނު ކަމަށާއި އަދި ޝާހު މަރުވީ ކޫއްޑޫއަށް މަސްކިރަން ދިޔަ މަގުމަތީގައި ކަމަށެވެ.

"އޭނާ އޮތީ ދޯނީގެ ގެގަނޑުމަތީގައި ހުންނަ ޖޯއްޔެއްގައި ކަމަށް އެ ދޯނިން މަހަށް ދިޔަ މީހަކު ބުނީ. އެ މީހުން އިރުކޮޅަކުން ގޮސް ބެލިއިރު އޭނަ އޮތީ މަރުވެފައި،" ތިނަދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ ރަށުން ވާހަކަދެއްކި މީހާ ބުނީ ޝާހުއަށް ހައިކޯޓުން ހުކުމްކުރީ އޮންލައިންކޮށް ބޭއްވި ޝަރީއަތެއްގައި ކަމަށެވެ. އަދި ޝާހު މަހަށް ފުރީ ހުކުމްކުރި ދުވަހު ކަމަށް ވާހަކަދެކެވޭ ކަމަށް އޭނާ ބުންޏެވެ.

ޝާހުގެ މައްޗަށް ޖަލު ހުކުމެއް އައި ނަމަވެސް އޭނާ ޖަލަށް ނުލައި ހުރީ، ހުކުމުގެ ކުރިން ބަންދުގައި އެ މުއްދަތު ހޭދަކޮށްފައިވާތީ އެވެ.

ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ދައުލަތުން އެމައްސަލަތައް އަލުން ހައިކޯޓުގައި އިސްތިއުނާފްކުރީ އެވެ. އަނިޔާ ލިިބުނު މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހައިކޯޓުން އެހުކުމުގެ އިތުރު ތަފްސީލު ހާމައެއް ނުކުރައްވަ އެވެ.

ރޭޕްގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވެފައިވާއިރު، ދެން ހުރި މައްސަލަތަކުގެ ހުކުމް ހައިކޯޓުން އަދި ނީއްވަ އެވެ. އެގޮތުން މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާގެ މައްސަލަތަށް ކޯޓުގައި ކުރިއަށްދެ އެވެ.

ޒިޔާދާ އާއި ގަދަކަމުން ޝާހު ގުޅުން ހިންގައި، ދިން އަނިޔާތަކަށް ފަރުވާދެނިކޮށް ޒިޔާދާ މަރުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.

ތަފުސީލް އަންނަނީ--