ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޮޑުވަޒީރު، މިނިސްޓަ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާއެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފި އެވެ.
އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ގާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގަ އެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީހާއި، ސަގާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާޓްސް، ވިޜުއަލް އާޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް އުންމީދީ މުސްތަޤްބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ރައީސް ސޯލިހާ އާ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ނައިބް ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
ފިރިހެނުންގެ ނަފްސާނީ ސިއްހަތަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން!