ގައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ ދުޅަހެޔޮ ރަނގަޅު ޖީލެއް ވެސް ބިނާކުރެވޭނީ ގުޅިގެން އެކުގައި މަސައްކަތް ކުރެވިގެން ކަމަށެވެ. ލިބިފައި ހުރި އިލްމެއްގެ ބޭނުންހިފައި، ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މުޖްތަމައުގައި ބޮޑުވަމުން އަންނަ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވި އެވެ.

ފުވައްމުލަކުގައި ހުންނަ ހާފިޒް އަހުމަދު ސްކޫލު ހޯލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފަ އެވެ. މި ހަފްލާގައި 27 ދަރިވަރަކު ޖަމާއަތްތެރިކަމުގެ ކޯހުގެ ސެޓްފިކެޓް، 45 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް 1، 38 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް 2، 28 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް 3، 16 ދަރިވަރަކު ގިރާއަތު ސެޓްފިކެޓް 4، 17 ދަރިވަރަކު އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް، 13 ދަރިވަރަކު ގުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް ހާސިލްކުރައްވާފައިވެ އެވެ.