މާލޭގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކަނޑައަޅުއްވައި، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޭގެއަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މޭޔަރު ވަނީ މާލޭގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި މާލޭގެ ރައްޔިތުންގެ ހާލު ބައްލަވާލައްވާފަ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ޑރ. މުއިއްޒު ނިންމަވާފައިވަނީ މާލޭ ސިޓީ އެކި ސަރަހައްދުތަކަށް ބަހައި ކަނޑައެޅޭ ސަރަހައްދުތަކަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށެވެ. މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ވަޑައިގެން ބައްދަލުކުރައްވާ ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ކަންތައްތައް ނޯޓްކުރައްވައިގެން ދަތިތައް ހައްލުކޮއްދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ސެޑިއުލްއެއް ހަދާ ކޮންމެ ހަފުތާއަކު ވެސް ދެ ދުވަހުން އެއް ދުވަހު ގޭގެއަށް ޒިޔާރަތްކުރުމަކީ ހަތަރު ވަނަ ދައުރުގެ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ހަރަކާތެކެވެ. މި އެކްޝަން ޕްލޭން ފާސްކޮށްފައި ވަނީ ކައުންސިލްގެ ފުރަތަމަ ޖަލްސާގަ އެވެ.

މާލޭ ސިޓީއަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ހައްލުކުރެއްވުމަށް ކައުންސިލުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އޭގެ ތެރޭގައި ކައުންސިލް ފެންވަރުގައި ކުރެވޭ ކަންތައްތަކާއި ސަރުކާރަށް ހުށަހަޅައިގެން ކުރަންޖެހޭ ކަންކަން ހިމެނެ އެވެ.