ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައިގައި ޝަހީދުވި ބޭފުޅުން ފަސްދާނުލާފައިވާ ތަން ވީރާނާވެފައި ވާތީ އެތަން ސާފުކޮށް އެތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ޝަހީދުން ފަސްދާނުވަޑުވައިފައިވާ ތަން އެތައް އަހަރުތަކެއް ވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ހަޑިވެ، ވީރާނާވެފައި ވާތީ އެތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ 33 އަހަރު ކުރިން ހިނގި ހާދިސާގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވާ ހެންވޭރު ސަހަރާގެ އެސަރަހައްދުވަކި ކޮށްފައިވާއިރު ވެސް މި ފަހުން އެ ސަރަހައްދު މާބޮޑަށް ބަލަހައްޓާފައެއް ނުވެ އެވެ.

އެގޮތުން މިއަދު ސިޓީ ކައުންސިލުން ވަނީ އެސަރަހައްދަށް އައު ވެލިއަޅާ އެސަރަހައްދުގައި ކުލަ ވެސް ލާފަ އެވެ.

ނޮވެންބަރު ތިނެއް ގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 18 ދިވެއްސަކު ޝަހީދުވި އެވެ.

މޭޔަރު ކަމާއި މުއިއްޒު ހަވާލުވުމަށްފަހު މާލޭގައި އަޅާނުލެވި ދޫކޮށްލާފައިވާ ތަންތަން އާބާތުރަ ފިލުމާއި އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މަގުތަކުގައި ހަލާކުވެފައިވާ ކާނުތަކާއި މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިފަހުން މާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި އުކައިލުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން މިސްކިތްތަކުގެ ކައިރި މަގުތަކާއި ބައެއް ކާނުތައް ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލުން ވަނީ ކޮށްފަ އެވެ.