ކުޅިކޮށް ކެއުމަކީ ގިނަ ދިވެހިންގެ އާދައެކެވެ. އެއީ އެރަހައަކާ ނުލާ ދިވެހި ކެއުންތައް ފުރިހަމަ ނުވާނެ ރަހަ އެކެވެ. ކުޅިކޮށް ކާން ލޯބި ކުރައްވާ ފަރާތްތަކަށް މިއޮތީ ވަރަށް އުފާވެރި ހަބަރެކެވެ.

ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކުޅިކޮށް ކެއުމަކީ ސްޓްރޯކް އަދި ހާޓްއެޓޭކު ޖެހުމުން ދުުރުކޮށްދޭ ކަމެކެވެ. މީގެ ކުރިންވެސް މިކަމަށް އެކި ދިރާސާތައް ކޮށްފައިވާއިރު ފަހުގެ ދިރާސާއިން މިކަމަށް އިތުރަށް ބާރެއް ލިއްބައިދެ އެވެ.

މި ދިރާސާގައި ބުނާގޮތުން މިރުސް، ބޮޑުމިރުސް ފަދަ ކުޅި ރަހަ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ<.

އެތައް ބަޔަކު ބައިވެރިކޮށްގެން ގާތްގަނޑަކަށް 8 އަހަރެއްހާ ދުވަހު ކުރިއަށް ގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި ކެއުމުގައި މިރުސް ބޭނުން ކުރާމިހުން ހާޓް އެޓޭކް ޖެހިގެން މަރުވާ ނިސްބަތަކީ 40 ޕަސެންޓެވެ.

މި ދިރާސާ ކޮށްފައިވަނީ 23،000 މީހުން ކެއުމުގައި ގެންގުޅޭ ގޮތްތަކަކަށް ބަލައިގެންނެވެ. އެގޮތުން ބައެއް މީހުންނަކީ ކެއުމުގައި ހަފްތާއަކު މަދުވެގެން 4 ދުވަހު މިރުސް، ޕެޕާފަދަ ކުޅި ރަހަ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ހިމަނާ މީހުންނެވެ.

މި ދިރާސާއަށް ފަހު މިރުހާ ބެހޭގޮތުން ބައޮކެމިކަލް މެކެނިޒަމް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދިރާސާގައި މިރުހުން އަހަރެމެންގެ ސިއްހަތަށް އެހާ ފައިދާ ވަނީ ކީއްވެކަން ދެނެގަނެވޭނެ އެވެ.