ނަސްރުގެ ދުވަހާ ގުޅިގެން މާލޭގައި ގައުމީ ދިދަ ޖެހުމަށް ސަރުކާރުން އެދިފައިނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ އެހެން ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން މާލޭގައި ގައުމީ ދިދަ ޖެހުމަށް ސިޓީ ކައުންސިލްގައި އެދޭއިރު ނަސްރުގެ ދުވަހާއި ގުޅިގެން ގައުމީ ދިދަ ޖަހަން އެދިފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެދިފައިނުވި ނަމަވެސް މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަ ޖެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އަދި މުއިއްޒު ވަނީ ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ.

"ސަރުކާރުން އެދިފައިނުވި ނަމަވެސް، މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަޖެހުން. ސަރުކާރުން އެދިފައިވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަޖަހަން. ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ނޮވެމްބަރު 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ ވީރާނާވެފައިވާތީ އެތަން މަރާމާތުވެސް ކޮށް، އެސަރަހައްދު ވަނީ ރީތި ކޮށްފަ އެވެ. އަދި އެސަރަހައްދު ފާހަގަ ކުރުމުގެ ގޮތުން ބޯޑެއްވެސް ސިޓީ ކައުންސިލުން ވަނީ ބަހައްޓާފަ އެވެ.

މީގެ 33 އަހަރު ކުރީން ހިނގި ހާދިސާގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވަނީ ހެންވޭރު ސަހަރާގަ އެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވި އެވެ.