ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން "ހުސް ބުޅީގައި" ގަންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ނުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާންގެ އިތުރުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާ އެކު މަޖިލިހަށް ވެއްދިކަން ރިޔާސަތުން މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވި ހިސާބުން އާޒިމް ކޮޅަށް ތެދުވެ، ވަނީ ސަރުކާރު ދިފާއު ކުރައްވައިފަ އެވެ. ނަމަވެސް އިމްރާނަށް އިތުބާރު އޮތް ކަމަކަށް، ސީދާ ވިދާޅެއްނުވެއެވެ. އަދި އިމްރާން ދިފާއު ކުރައްވާނެ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީން އަބްދުވެސް ކަމަކަށް ނުކުންނަ އިރު އެޖެންޑާއެއް އޮންނަ އިރު، އެ ޕާޓީން މަސައްކަތް ކުރަނީ އެޖެންޑާއާ އެއްގޮތަށް ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮންނަ ކޮންމެ ފަހަރަކު އެއީ "ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެ" ކަމެއް ކަމަށް އުންމީދުކޮށްގެން ނުވާނެކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެޖެންޑާއާ ހިލާފަށް އެމްޑީޕީގެ މެމްބަރުން ކަންކަން ކުރައްވާނެ ކަމަށް އުންމީދުކޮށްގެން ހުސް ބުޅީގެ ވިސްނުމުގައި މަޖިލިހަށް ކަންކަން ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީ މެމްބަރުންގެ މެދުގައި ސަރުކާރާ މެދުގައި ފުރިހަމަ އިތުބާރު އެބައޮތް. ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުގެ އިތުބާރު އެބައޮތް،" ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވަމުން ގެންދަވާ އާޒިމް ވިދާޅުވި އެވެ.

އޭގެ ފަހުގައި ނަޝީދު ވިދާޅުވީ އިމްރާންގެ މައްސަލަ ހުށަހެޅުއްވުމުން އެކަން އެޖެންޑާކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަަމަށެވެ. އަދި ހޯމް މިނިސްޓަރަށް މަޖިލީހުން މިއަދު ނޯޓިސް ފޮނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަދުވެގެން 10 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅިދާނެ އެވެ. އެކަމަކު މަޖިލީހުން އެ މައްސަލަ ފާސްކުރަން 44 ވޯޓު ބޭނުންވާނެ އެވެ.

އިމްރާން މަގާމުން ދުރުކުރަން އިދިކޮޅުން ހުށަހެޅީ އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވުމެވެ.