ވޮޝިންޓަން (05 ނޮވެެމްބަރު) އެމެރިކާއިން ސައުދީ އަރަބިއާއަށް 650 މިލިއަން އެމެރިކާ ޑޮލަރުގެ މިސައިލް ވިއްކަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

"އެޑްވާންސް މީޑިއަމް ރޭންޖުގެ އެއާ ޓު އެއާ މިސައިލްއާއި އެއާ ގުޅޭ އަސްކަރީ ހަތިޔާރު ސައޫދީ އަރަބިއާއަށް ވިއްކުމަށް ހުއްދަ ދޭން ނިންމައިފިން،" ޕެންޓެގަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިކަން އިއުލާންކޮށްފައި މިވަނީ ސައޫދީ އަރަބިއާއިން އެޑްވާންސް މީޑިއަމް ރޭންޖުގެ އެއާ ޓު އެއާ މިސައިލްއާއި އޭގެ ލޯންޗަރު ވިއްކުމަށް އެދި ހުށައެޅުމުން ކަމަށް ވެސް ޕެންޓަގަންއިން ބުނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން އިތުރަށް ބުނީ ފާއިތުވި އަހަރު ތެރޭގައި ސައޫދީ އަރަބިއާއަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި މި ޑީލްއަކީ ސައޫދީ އަރަބިއާގައި ތިބި އެމެރިކާގެ 70،000އަށްވުރެ ގިނަ ރައްޔިތުންގެ ސަލާމަތަށްޓަކައި ނިންމި ޑީލްއެއް ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޓެކްނިކަލް ސަޕޯޓާއި އިންޖީނިއަރިންގް ފަދަ އަސްކަރީ އެއްބާރުލުން އެމެރިކާގެ ފަރާތުން ސައޫދީ އަރަބިއާއަށް ލިބިގެންދާނެ އެވެ.

ސައޫދާ އަރަބިއާއާއެކު ވެވޭ މި ޑީލްއަކީ އެމެރިކާގެ ހާރިޖީ ސިޔާސަތު ވަރުގަދަކޮށް ބައިނަލްއަގުވާމީ ގުޅުންތައް ރަނގަޅު ކޮށްދޭނެ ޑީލްއެއް ކަމަށް ޕެންޓަގަންއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ