ކަރައަކީ އަހަރުމެންގެ ރާއްޖޭގައި ވަރަށް އާއްމުކޮށް ބޭނުން ކުރާ ބާވަތެކެވެ. ހާއްސަކޮށް ރަމަޟާން މަހު ސުފުރާ މަތީގައި ކަރާ ނެތުމަކީ ފަޅުކަން ގެނެސްދޭ ކަމެކެވެ. މިއީ ރަހައާ އެއްވަރަށް ސިއްހީ ފައިދާތައްވެސް ލިބޭ މޭވާ އެކެވެ.

ކަރައާއި ކަރާ ތޮށީގައި ގިނަގުނަ ފައިދާތަކެއްވެ އެވެ. މިޒަމާނުގެ ހޯދުންތަކުން އެނގޭ ގޮތުގައި ކަރައިން ލިބޭ ޞިއްހީ ފައިދާތައް ހިމަނާ ކޮޅުންނުލާހައި ގިނަ އެވެ. ހާއްސަކޮށް ގޮހޮރާއި ކިޑްނީގެ ސިއްހަތަށް ކަރައަކީ މުހިއްމު އެއްޗެކެވެ.

މިޒަމާނުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި ކަރައަކީ ހަމައެކަނި ކަރުހިއްކުން ފިލުވައިދޭ އެއްޗެއް ނޫނެވެ. އޭގެ އިތުރުން ހަން ކުރަކިނުވެ ތެތްކޮށް ބަހައްޓައިދީ ހަށިގަނޑު ތާޒާކޮށްދެ އެވެ. އެއީ މައިދާއާއި ގޮހޮރުގެ އެތެރެ އޮމާންކޮށްދޭ އެއްޗެކެވެ. ހަޖަމު ކޮށްދިނުމަށް އެހީވެދޭ މާއްދާއެއްވެސް އޭގައި ހިމެނެ އެވެ. އަދި ލޭ ވަރުގަދަކޮށް ކިޑްނީއަށް ޖަމާވާ ހިލަތައް މުގުރާލާ ބާރެއްވެސް އޭގައިވެ އެވެ. އަދި ހަކަތަ އުފެއްދުން ހީވާގި ކޮށްދޭ މާއްދާއެއް ވެސް އޭގައިވެ އެވެ.

ކަރާއަކީ ހަމުގެ ބަލިތައް މަތަކުރާ މާއްދާއެއް އެކުލެވޭ އެއްޗެއްކަން ސައިންސްވެރިން ކޮށްފައިވާ ތަހުލީލުތަކުން ދައްކައެވެ. އެއާއެކު ކަރާ އޮށަކީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް އޮތް ފަރުވާ އެކެވެ. އޭގެ އިތުރުން ކަރާވެލުގެ މުލަކީ ޒަހަމްވާ ތަންތަނުން ލޭމަނާކުރުމަށް ބޭނުން ކުރެވިދާނެ ބޭހެކެވެ.

ކާބޯތަކެއްޗާބެހޭ މާހިރުން ބުނަނީ، ކަރައަކީ ފައިދާހުރި ގިނަގުނަ މައުދަންތައް މަތީ ދަރަޖައަކަށް އެކުލެވިފައިވާ މޭވާއެއް ކަމަށެވެ. މުޅިދުވަހު އިންސާނަކަށް ބޭނުންވާވަރަށް އޭގައި ފެނާއި، ވިޓަމިނާއި، މިނަރަލްސް ހިމެނެ އެވެ. ހާއްސަކޮށް ހޫނުގަދަ ދުވަސްތަކުގައި އޭގެ ބޭނުންތެރިކަން ބޮޑެވެ. އެހެންކަމުން އެއީ އެތައް ތަރުކާރީއަކާއި އެއްގަމު މަހުން ނޫނީ ނުލިބޭނެ މާއްދާތަކާއި މައުދަންތައް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.

ކަރާގެ ބަރުދަނުގެ 92 އިންސައްތައަކީ ފެނެއެވެ. އަދި އޭގައި ކޮންމެވެސް ވަރަކަށް ލޮނދި މާއްދާއާއި ތެޔޮ ހިމެނެ އެވެ. އޭގައިވާ ހަކުރުގެ ނިސްބަތް 8 އިންސައްތައަށް އަރަ އެވެ. ނަމަވެސް މި ނިސްބަތް އެކި މޫސުމުގައި ތަފާތެވެ. ވިޓަމިން އޭ އާއި ވިޓަމިން ސީ ވެސް އޭގައި މެދު މިންވަރަކަށް ހިމެނެ އެވެ.

ކަރާއިން ލިބިދޭ އެތައް ނިއުޓްރިޝަންއެއްގެ ސަބަބުން ކަރާ ވެފައިވަނީ އެތައް ބައްޔެއްގެ ޝިފާ އަކަށެވެ. ބަނޑުހިއްކުމާއި ހަމުން ދިލަނެގުން ކަރާއިން ލުއިކޮށްދެ އެވެ. ކުޑަކަމު ދިއުމަށް އެހީތެރިވެދީ ލޭސާފު ކޮށްދެ އެވެ. ކިޑްނީގެ ބަލިތަކާއި ފުރަގަސް ފަރާތުގެ ބަލިތަކަށްވެސް އެއިން ފަރުވާ ލިބެ އެވެ.

ކާނާއެއްގެ ގޮތުން ބަލާއިރު ކަރާއަކީ ޖެހިލުމެއްނެތި ބަނޑު ފުރެންދެން ކެވިދާނެ އެއްޗެކެވެ. އެއީ ގިނައިން ކަރާކެޔަސް ފަލަވެދާނެ ކަމުގެ ބިރެއް ނެތުމުންނެވެ.