ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް ނާޅާ، ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތް ދޭނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސިޔާސީކަންކަމުގައި އުޅެވެންވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ ސިވިލް ސާވަންޓުންގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓު ކުރުމާ ގުޅިގެންނެވެ.

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރަކާތުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސިޔާސީ ކަންކަމުގައި އުޅެވެންވާނެ ކަމަށެވެ. އަދި ޔޫތް މިނިސްޓްރީގައި ވެސް ސިޔާސީ ތަފާތު ފިކުރުގެ ބޭފުޅުން އުޅުއްވާ ކަމަށާއި ނަމަވެސް މަސައްކަތުގެ ސްޕީޑް ރަނގަޅު ކަމަށް ވެސް މަހުލޫފް ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭ ނަމަ، ސިވިލް ސާވިސް މުވައްޒަފުންނަށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެކަމަށް ދެކެން. ޔޫތު މިނިސްޓްރީގައި ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން އުޅުއްވާއިރު މަސައްކަތުގެ ސްޕީޑު ހުރީ ރަނގަޅަށް،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނައި އިސްލާހާއެކު ގިނަ ބައެއްގެ ފާޑު ކިޔުންވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ގަވާއިދަށް ގެނައި އިސްލާހާއެކު ނުރަސްމީ އަދި ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ އެހެންނަމަވެސް، މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

މިކަމާ ގުޅިގެން ސަރުކާރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޮލިޝަންގެ މަޖިލިސް މެމްބަރުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް އައި ސަރުކާރުން އެ މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަންނަމުން އަންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.