ބޮލީވުޑް ސުޕަ ސްޓާ އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާ ނަންދާ ވެސް ފިލްމީ ދާއިރާއަށް ނިކުތުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނާ ގޮތުގައި އަގަސްތްޔާ ބޮލީވުޑަށް ތައާރަފްވާ ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަހްތަރް ކުރިއަށް އޮތް ފިލްމު ކަމަށްވާ "ދަ އާޗީސް" ނެވެ.

ވިހި އަހަރުގެ އަގަސްތްޔައަކީ އަމީތާބްގެ އަންހެން ދަރިފުޅު، ޝްވެތާ ނަންދާގެ ދަރިފުޅެވެ.

"ދަ އާޗީސް" ގައި އަމީތާބުގެ ކާފަ ދަރިފުޅުގެ އިތުރުން ބޮލީވިޑަށް އަލަށް ތައާރަފުވާ ތަރިންގެ ތެރޭގައި ޝާހްރުކްހާންގެ ދަރިފުޅު ސުހާނާ ހާންއާއި، ސްރީދޭވީ އަދި ބޯނީ ކަޕޫރްގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރް ވެސް މިފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަގަސްތްޔާ ނަންދާ، ސުހާނާ ހާން އަދި ހުޝީ ކަޕޫރް

ނެޓްފްލިކްސްއާ ގުޅިގެން ޒޯޔާ އެ ފިލްމު ހަދަނީ "ދަ އާޗީސް" ކޮމިކްސްއަށް ބިނާކޮށެވެ. އަދި އެ ކޮމިކްގެ ކެރެކްޓާތައް ކަމަށްވާ "ބެޓީ"ގެ ރޯލު ސުހާނާ އަދާކުރަން ހަމަޖެހިފައި ވާއިރު، "ވެރޯނިކާ"ގެ ރޯލު އަދާކުރާނީ ހުޝީ އެވެ. އަދި އަގަސްތްޔަ އަދާކުރާނީ "އާޗީ"ގެ ރޯލެވެ.

https://www.instagram.com/p/CWHt2KlIL3L/?utm_source=ig_embed&ig_rid=969a21c7-6190-4898-876f-6335aa1673ba

މި ފިލްމު އިއުލާން ކުރުމަށް ޒޯޔާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައި އާޗީ ކޮމިކްސް އިން ފެންނަ އާޗީ، ޖަގްހެޑް، ވެރޯނިކާ އަދި ބެޓީ އެކުވެގެން ޒޯޔާގެ ފިލްމު އެނައުންސް ކުރާ ތަން ފެނެ އެވެ. އަދި މި ފިލްމުގެ ތަރިންގެ ގޮތުގައި ފެންނާނެ ބަޔަކާ މެދު ވެސް ވާހަކަ ދައްކަ އެވެ.

އެހެން ނަމަވެސް މިފިލްމުގައި ފެނިގެންދާނެ ތަރިންތައް އަދި ޒޯޔާ ހާމަކޮށްފައެއް ނުވެ އެވެ.