ވޮޝިންޓަން (13 ނޮވެމްބަރު) - ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްގެ ނުރައްކާ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތްހާ ދުވަހަކު އެ ގައުމުގެ ސިފައިން ސީރިއާއިން ނުފައިބާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

"އައިސިސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކާ އެމެރިކާގެ ގައުމީ ސަލާމަތަށާއި ސީރިއާގެ އާއްމު ރައްޔިތުންނަށް ދަނީ އިތުރުވަމުން. އައިސިސްއާ ދެކޮޅަށް ހިނގާ އަސްކަރީ އޮޕަރޭޝަންގައި އެމެރިކާއިން ދެމިހުންނާނެ،" ސްޓޭޓް ޑިޕާޓްމަންޓުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ޒައާމަތުގައި އެ ގައުމުގެ ޚާރިޖީ ސިޔާސަތުތައް ބަދަލުކުރަމުން ދާއިރު ބޭރު ގައުމުތަކުގައި އެގައުމުގެ ސިފައިން ތިބުމުގެ އުސޫލުތައް ވެސް ދަނީ މުރާޖައާ ކުރެވެމުންނެވެ. އެ އުސޫލުތަކުގެ ދަށުން ދިގު 20 އަހަރަށްފަހު އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުން ފައިބާފަ އެވެ.

އެހެން ނަމަވެސް އެމެރިކާއިން އިރާގާއި ސީރިއާގައި ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަން ނިމެންދެން އެ ގައުމުތަކުގައި އެމެރިކާ ސިފައިން ތިބޭނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކުގެ ފިއްތުންތަކާއެކު އިރާގުގައި އެމެރިކާ ސިފައިންގެ ދައުރު ކޮންމެ ވެސް ވަރަކަށް ކުޑަވެފައިވީ ނަމަވެސް އުތުރު ސީރިއާގައި އައިސިސްއާ ދެކޮޅަށް ހިނގަމުންދާ އޮޕަރޭޝަންތައް ކުރިއަށްދެ އެވެ.

އެމެރިކާއިން ބުނީ އައިސިސްގެ ނުރައްކާ މުޅިން ނައްތާ ނުލެވެނީސް އެމެރިކާ ސިފައިން ސީރިއާއިން ނުފައިބާނެ ކަމަށެވެ. – އަލް އަރަބިއްޔާ