ކޮވިޑް 19ގެ ޑެލްޓާ ވޭރިއަންޓަކީ މިހާރު ދުނިޔޭގައި ރެކޯޑު ކުރެވޭ ކޮވިޑް ކޭސްތަކުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ވޭރިއަންޓް ކަމަށް ސައިންސްވެރިން ބުނެ އެވެ.

2020 ވަނަ އަހަރު ޑިސެމްބަރު މަހު އިންޑިއާއިން ފުރަތަމަ ފާޅުވި ޑެލްޓާ ވޭރިއަންޓަކީ މިހާތަނަށް ޕެންޑަމިކްގައި ފެނުނު އެންމެ ނުރައްކާތެރި ވޭރިއަންޓް ކަމަށް ސިއްހީ މާހިރުންނާއި ސައިންސްވެރިން އެއްބަސްވެ އެވެ.

ނަމަވެސް ސައިންސްވެރިންގެ ކަންބޮޑުވުންތައް އަދިވެސް ފިލައިގެންނެއް ނުދެ އެވެ. ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ އެކި ގައުމުތަކުގައި ވަކި ހިއްޕާލާފައި ވާއިރު އެ ވޭރިއަންޓްގެ އިތުރު ވައްތަރުތައް ދަނީ ފެންމަތިވަމުންނެވެ.

އެގޮތުން އޭ ވައި 4.2 އަކީ މިހާރު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ ވައްތަރެކެވެ. އޭ ވައި 4.2 އަކީ އަވަހަށް މިއުޓޭޓްވާ ހަލުވި ކަމާއެކު ފެތުރެމުން އަންނަ ވައްތަރެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗް އޯއިން ބުނި ގޮތުގައި އޭ ވައި 4.2 މިހާރު ވަނީ ދުނިޔޭގެ 42 ގައުމަކަށް ފެތުރިފަ އެެވެ.

މީގެ އިތުރުން ޑެެލްޓާ ވޭރިއަންޓްގެ އިތުރު ވައްތަރުތައް ކުރިއަށް އޮތް ތަނުގައި އުފެދިދާނެ ކަމުގެ އިންޒާރު ދިރާސާވެރިންނާއި ސައިންސްވެރިން އަންނަނީ ދެމުންނެވެ. މި ވައްތަރުތައް ވާނީ މިހާރު ހަނގުރާމަ ކުރަމުން މިދާ ޑެލްޓާ ވޭރިއަންޓަށްވުރެ އެތައް ގުނައެއް ނުރައްކާތެރި ވައްތަރުތަކަކަށް ވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކޮވިޑް 19 އާ ހަނގުރާމަ ކުރަން 100 ޕަސެންޓް ރަނގަޅު ވެކްސިނެއް އުފެއްދެން ދެން މުޅި ދުނިޔެ އޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ސައިންސްވެރިން ބުނެ އެވެ.