އައު ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދަށް ނެރެދިނުމަށް ސަރުކާރުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށާ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް އޮންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިގްތިސާދަށް ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި، އިގްތިސާދު ރަގަޅުވާން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ހުރީ، ކޯވިޑްގެ ކުރިން އާންމުކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައި ބަލާއިރު 70 އިންސައްތައިގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ކޯވިޑްގެ ސަބަބުން ކުރިމަތިލާންޖެހުނު ގެއްލުންތައް ފޫބައްދައި އިގްތިސާދު ދެމެހެއްޓުމުގައި ވިޔަފާރިތަކުން އަދާކުރި މުހިންމު ދައުރު ވެސް ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ވިޔަފާރިތަކާ ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، މި ޙަފްލާގައި އެވޯޑް ހާސިލްކުރި ވިޔަފާރިތަކަކީ، އީޖާދީ، އުފެއްދުންތެރިކަމާއެކު ކުރިމަގަށް ވިސްނައިގެން ހިންގާ ނަމޫނާ ވިޔަފާރިތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި ދޭ އެވޯޑެކެވެ. މިރޭގެ ހަފްލާގައި މި ފަހަރު މިއެވޯޑް ހާސިލުކުރި 100 ކުންފުންޏަށް އެވޯޑް ހަވާކުރެވުނެވެ.

އަދި މި ހަފްލާގައި ރައީސް ސޯލިހު ވަނީ "ގޯލްޑް 100" މެގަޒިން ރަސްމީގޮތުން ނެރެދެއްވާފަ އެވެ. މީގެ އިތުރުން މި ހަފްލާގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރި ދެ ބޭފުޅުންނަށް ވެސް ރައީސް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.

"ގޯލްޑް 100 ގާލާ" ހަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.