އައްޑޫ އަދި ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފި އެވެ.
އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ލިބުނީ މިއަދު މިކަމަށްޓަކައި ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލް އިން ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސްވެރިންނާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ބައެއް އާއްމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ބަޔޮސްފިއާ ރިޒާވްގެ ލަގަބަކީ ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ލަގަބެކެވެ. އެގޮތުން ބަޔޮސްފިއާ ރިޒާވްގެ ލަގަބު ދެވެނީ އެތަނެއްގެ ދެމެހެއްޓެނިވި ތަރައްގީ އާއި، އާދަކާދައާއި ސަގާފީ އަދި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފަރާއި، ފަޅުގެ ދިރުންތަކާއި ސައިންސާއި، ތައުލީމާއި ފަންނީ ހުނަރުތަކަށް ވެސް ބެލުމަށްފަހު އެވެ.
ރާއްޖޭގައި މީގެ ކުރިން މި ލަގަބު ލިބިފައި އޮންނަނީ ހަމައެކަނި ބ. އަތޮޅަށެވެ. އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ލިބުމާ ގުޅިގެން މިހާރު ރާއްޖޭގައި ޖުމްލަ ތިން އަތޮޅަކަށް މިވަނީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިފަ އެވެ.
އައްޑޫ އަދި ފުވައްމުލަކުގެ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް މި ދެ އަތޮޅުގެ ރައްޔިތުންގެ މެދުގައި ސިޓީ ކައުންސިލް މެދުވެރިކޮށް ވަނީ ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސާވޭގެ ނަތީޖާ ދައްކާގޮތުން ސާވޭ ކުރެވުނު މީހުންގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުން މި ދެ އަތޮޅު ބަޔޮސްފިއާ ރިޒާވް އަކަށް ހަދަން ބޭނުންވި އެވެ.
އައްޑުއަތޮޅާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހު އެވެ. އެހެންކަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، އެންޑޯސްމަންޓް ހޯދައި ހަދަންޖެހޭ ހުރިހާ ސާވޭތަކެއް ހަދާ ކެބިނެޓްގެ ލަފާ ހޯދައި ޕްރޮޕޯސަލް ތައްޔާރުކޮށް ޔުނެސްކޯ އަށް ހުށައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގަ އެވެ.
ބަޔޮސްފިއާ ރިޒާވްގެ ލަގަބު ދެނީ އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދެއްގެ ގުދުރަތީ ސިފަތަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރެވޭނެ ކަންތައްތަކާއި އެ މާހައުލަކުން އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ގޮތްތަކަށް ވެސް ބެލުމަށްފަހު އެވެ. އެގޮތުން މިހާރު ދުނިޔޭގައި ޖުމްލަ 120 ގައުމެއްގައި މި ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނެ އެވެ.
އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ދެވުނު މައިގަނޑު ސަބަބަކީ އެ ދެ އަތޮޅުގައި ވެސް ގުދުރަތީ ގޮތުން ހިތްގައިމު މާހައުލުތަކެއް ހުރެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ރޭވިގެން ކުރިއަށްދާއިރު މި ދެ އަތޮޅުގެ ގުދުރަތީ ރީތި މާހައުލުތައް ހިމާޔަތްކުރެވިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ދެތަނަށް ހެދުމަށާއި ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވް ކޮންސެޕްޓް އަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކޮންސެޕްޓް އަކަށް ހެދުމެވެ.
އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއާ ރިޒާވްއަކަށް ވުމުން ދެމެހެއްޓެނިވި ތަރައްގީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވި އެތަނެއްގެ އާދަކާދަތަކާއި ސަގާފަތާއި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. އަދި ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތުތަކާއި އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ފަންނީ ހުނަރު ކުރިއެރުވުމުގެ އިތުރުން އިގްތިސާދީ ގިނަ ފައިދާތައް ލިބިގެންދާނެ އެވެ. އަދި މި ސަރަހައްދުތަކަށް ގައުމީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ހިލޭ އެހީ ލިބުމުގެ ފުރުސަތު ވެސް ތަނަވެސްވެގެންދާނެ އެވެ.
ބަޔޮސްފިއާ ރިޒާވްގެ ލަގަބު ލިބިފައިވާ ސަރަހައްދުތަކަކީ މުޅި ދުނިޔެއިންވެސް ބަލައިގަންނަ އަދި ފަތުރުވެރިން ވެސް އެތަންތަނަށް ޒިޔާރަތްކުރަން ބޭނުންވާ ތަންތަނެވެ. އެގޮތުން އިގްތިސާދީ ގޮތުން ބަލާކަމަށްވާނަމަ އެ ތަނަކުން ތައްޔާރުކޮށް ފަތުރުވެރިންނަށް ވިއްކާ އެކިއެކި އަމިއްލަ އުފެއްދުންތަކުގައި ވެސް ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ނަން ހިމަނައިގެން އިތުރު އަގަކާއެކު ވިއްކުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ބަޔޮސްފިއާ ރިޒާވްގެ މައިގަނޑު ރޯލަކީ އެ ސަރަޙައްދެއް ނުވަތަ އަތޮޅެއްގައިވާ މާހައުލުތަކާއި، އިކޯސިސްޓަމް، އަދި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމާއި ސަގާފަތާއި، އާދަކާދައާއި، މުހިއްމު މާހައުލުތަކާއި ދިރުންތައް ދެމެހެއްޓޭނެފަދަ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދިނުމުގެ އިތުރުން ކޮންޒަވޭޝަން އަދި ދެމެހެއްޓެނިވި ތަރައްގީއާއި ގުޅޭ ތައުލީމާއި ތަމްރީން ހިންގައި ދިރާސާއަށް މަގުފަހިކޮށް ޕަބްލިކް، ޕްރައިވެޓް އަދި ހާއްސަކޮށް މުޖުތަމައުގެ އެކި ސެކްޓާތައް ކުރިއެރުވުމެވެ.
މި ލަގަބަކީ 10 އަހަރަށް ލިބޭ ބައިނަލްއަގުވާމީ ލަގަބެއްކަމުން މި ލަގަބު ދެމެހެއްޓުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. ބަޔޮސްފިއާގެ ލަގަބު މި ދެ އަތޮޅަށް ލިބުނު ކަމުގައިވިޔަސް ގުދުރަތީ ރީތި މާހައުލުތަކަށް ގެއްލުން ނުވާނެ ގޮތަށް އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގޭނެ އެވެ. އަދި މިއީ ވިޔަފާރިތައް ކުރިއެރުވުމަށް ލިބޭ ފުރުސަތަކަށް ވެސް ވެގެންދާނެ އެވެ.