ވޮޝިންޓަން (20 ނޮވެމްބަރު) - އެމެރިކާއަށް ކުރިމަތިވެދާނެ ހައިޕަސޮނިކް މިސައިލް ހަމަލާއަކުން ގައުމު ދިފާއުކޮށް، ރައްކާތެރި ކޮށްދޭނެ ހަތިޔާރެއް އުފެއްދުމަށް އެމެރިކާގެ ތިން ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.

އެމެރިކާ ސަރުކާރުން މިސައިލް ހެދުމުގެ ކޮންޓްރެކްޓް ހަވާލު ކޮށްފައިވަނީ އެގައުމުގެ ޑިފެންސް ހަތިޔާރުތައް ހަދާ ބޮޑު ތިން ކުންފުނި ކަމަށްވާ ރޭތިއޯން، ލޮކްހީޑް މާޓިން އަދި ނޯތުރޮޕް ގަމްމޭންއާ އެވެ.

ބެލިސްޓިކް މިސައިލްތަކެކޭ އެއްގޮތަށް ހައިޕަސޮނިކް މިސައިލްތަކަކީ ވެސް އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރު ކުރާ މިސައިލް ތަކެކެވެ. ނަމަވެސް ވައިގެ ތެރޭގައި މި މިސައިލްތައް ހޯދަން އުނދަގޫވުމާއެކު މި މިސައިލްތައް ހުއްޓުވުމަށް ދަތިތަކާ ކުރިމަތިވެ އެވެ.

ގްލައިޑް ފޭސް އިންޓަސެޕްޓާސް އުފެއްދުމަށް މި ތިން ކުންފުންޏާ ހަވާލު ކުރެވުނު ކޮންޓްރެކްޓްތަކަކީ 60 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑު ޕްރޮޖެކްޓްތަކެއް ކަމަށް ޕެންޓެގަންއިން ބުނެފައިވެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އެގައުމުން ހައިޕަސޮނިކް މިސައިލް ޓެކްނޮލޮޖީ ޓެސްޓު ކޮށްފައިވާއިރު ރަޝިއާއާއި ޗައިނާއިން ވެސް ވަނީ މި ޓެކްނޮލޮޖީ ޓެސްޓު ކޮށްފަ އެވެ.

ޗައިނާއިން މިދިޔަ އޮގަސްޓު މަހު ޓެސްޓުކުރި ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ހައިޕަސޮނިކް މިސައިލްތަކަކީ ހުއްޓުވަން އުނދަގޫވާނެ މިސައިލްތަކެއް ކަމަށް އެމެރިކާއިން ވެސް ވަނީ އެއްބަސްވެފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް