ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޓޫރިޒަމް ކުރިޔަށްދާއިރު ވެސް، ޕޮޒިޓިވް ކޭސް ފެނިދާނެ ކަމަށާއި އެކަމާ އާއްމުން ހާސްނުވުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގޮވާލައްވައިފި އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވިއިރު، ރާއްޖޭގައި އެންމެ ގިނަ ގެސްޓްހައުސް ހިންގާ، ކ. މާފުއްޓަށް ދިޔަ ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

"ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ދާއިރުވެސް، ޕޮޒިޓިވް ކޭސް ފެނުން އެކަށީގެންވާތީ ކަރަންޓީނު ނިޒާމު ލާޒިމުކުރެވިފައި ވަނީ. ހާސްނުވެ ކުރިއަށްދަމާ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ފުރުމުގެ 92 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް އިމިގްރޭޝަނަށް ހުށަހަޅަން ޖެހެ އެވެ.

ރިސޯޓުތައް މިދިޔަ ޖުލައި މަހުން ފެށިގެން އަލުން ހުޅުވާލިއިރު، 24 ރިސޯޓެއްގައި 30 ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.

ސަރުކާރުން ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވަން ހުއްދަ ދިންއިރު އެޗްޕީއޭ އިން ވަނީ ގައިޑްލައިންތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ ޓޫރިސްޓުން ކަރަންޓީނުވާން ޖެހޭ ތަންތަނާއި ސްޓާފުން އަމަލުކުރަން ޖެހޭ އުސޫލްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތައް ޓޫރިސްޓުންނަށް ހުޅުވާލީ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ. މާފުއްޓަކީ ގެސްޓުން ގެންދިއުމަށް އެންމެ ފުރަތަމަ ހުއްދަ ދިން ރަށްތަކުގެ ތެރެއިން ރަށެކެވެ.

އިއްޔެ ވެސް މުޅި ރާއްޖެއިން 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން 22 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.