ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ މަސައްކަތްތައް އަންނަ ހޯމަ ދުވަހަށް ނިންމަން މަަސައްކަތް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ހޯމަ ދުވަހަށް މަޖިލީހުގެ މަސައްކަތްތައް ނުނިމިއްޖެނަމަ، އަންގާރަ ދުވަހުވެސް ފަހު ޖަލްސާ ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ. މިދައުރުގައި މުހިންމު ބިލްތަކެއް ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން މަދަނީ އިޖުރާތުގެ ބިލާއި ލާމަރުކަޒީ ޤާނޫނާއި ގުޅިގެން ޤާނޫނުތަކަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކުރުމާއި ޖިންސީ ކުށުގެ ޤާނޫނަށް ގެނެވޭ ދެ އިސްލާހެއް ފާސްކުރުމާއި އެއްމެދު އިމާރާތުގެ ޤާނޫނާއި ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލުގެ މަސައްކަތްތައް ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގައި މިއަދު 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވޯޓަށް އެހުން އޮންނާނެ އެވެ. ރައީސް ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސް ކުރުމަށް މިހާރު އެދިފައިވާ 17 މެމްބަރުންނަށް ފުރުސަތުދީ ބަހުސްގެ މަރުހަލާ ނިންމާލުމަށްފަހު، މިއަދު ބަޖެޓަށް ވޯޓަށް އަހައި ބަޖެޓު ފާސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.