ތަރައްގީ ގެނައުމުގެ މަސައްކަތް ބައްޓަންކުރުމަށް ބޭނުންވާ ތަފާސް ހިސާބު ރާއްޖޭގައި އެއްކުރެވިފައެއް ނެތް ކަމަށާއި އެއީ ތަރައްގީއަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖެއަށް އަންނަ ބަދަލުތަކަކީ ލިޔެކިޔުމުން ރައްކާކުރެވި އެ ބޭނުންވާ ހުރިހާ ފަރާތަކަށް ވެސް ލިބޭނެ ގޮތަށް ހާމައަށް ހުންނަންޖެހޭ އެއްޗެއް ކަމަށެވެ.

ރާއްޖޭގެ ތަފާސް ހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވުރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި އެހެންކަމުން ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި މި ބަދަލުތަކަކީ އެއްކުރެވިފައި ހުންނަން ޖެހޭ މައުލޫމާތު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއިން އެއްވެސް މަޢުލޫމާތެއް ހަގީގީ މާނައިގައި މިހާތަނަށް އެއްކުރެވިފައި ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެންމެ ފަހުން އެކަށީގެންވާ އޮނިގަނޑެއްގެ ތެރެއިން ރާއްޖެ އާއި ދިވެހިންގެ ދިރިއުޅުމާ ގުޅޭގޮތުން އައިސްފައިވާ ބަދަލުތައް އެނގެން ހުރީ މީގެ 8 އަހަރު ކުރިން ހެދި ބޯހިމެނުމުން އެއްކުރެވިފައިވާ މަޢުލޫމާތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގައި ބަލަނީ އެންމެ ބޮޑަށް ބޯހިމެނުމުން އެއްކުރެވޭ މަޢުލޫމާތަށް. އެކަމަކު ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖެއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމެއްކަން. އެހެންވީމަ ވޭތުވެދިޔަ 8 އަހަރުތެރޭ ވަރަށް ގިނަ ބަދަލުތައް ރާއްޖޭގެ އިޖުތިމާއީ އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއިން ވަނީ އައިސްފައި. މި މައުލޫމާތެއް ނެތް ފެންނާކަށް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ޕްލޭންކުރުމުގައި ތަފާސް ހިސާބަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ތަރައްގީކުރާ އެއާޕޯޓުތަކުގައި ވަސީލަތް ހަމަކުރުމަށް އެ ތަންތަނުން ދަތުރުކުރާ މީހުންނާއި ބޭނުންކުރާ ރަށްރަށުގެ މައުލޫމާތާއި އެއްރަށާއި އަނެއް ރަށާއި ހުރި ގުޅުންތަކާއި، ގެދޮރުވެރިކަމާ ގުޅޭ މައުލޫމާތާއި ރިސޯޓު މުވައްޒަފުންނާއި ގުޅޭކަންކަން ނިންމުމުގައި ބޭނުންވާ މައުލޫމާތުން މިސާލު ނަންގަވާ މިފަދަ މައުލޫމާތު ނެތްކަމީ އެ ދާއިރާތަކުގެ ތަރައްގީ މަޑުޖެހޭ ސަބަބެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގެ ތަފާސް ހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވަރު އިފްތިތާހުކޮށްދެއްވީ އިނޮކޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.

ރާއްޖޭގެ ތަފާސް ހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވުރަކީ 2020 ގެ ނިޔަލަށް ރާއްޖޭގައި ތަފާސް ހިސާބު އެއްކުރުމަށްކުރެވޭ މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެވެ. މީގެ ދަށުން ސަރުކާރުގެ 17 މުއައްސަސާއަކާ ގުޅިގެން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު މި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެހެން އިންތިޒާމު ހަމަޖެއްސުމަށް ވެސް ރާވާފައިވާ ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ބުންޏެވެ.

މީގެ ދަށުން އަންނަ އަހަރު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ޒަމާނީ ވަސީލަތްތަކާއެކު ކުރިއަށް ގެންދިޔުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންކުރެވޭ މުހިއްމު ވަސީލަތަކަށް ހެދުމަކީ ވެސް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ އަމާޒެކެވެ. ތަފާސްހިސާބާ ބެހޭ ގާނޫނު އެކުލަވާލާފައިވަނީ މި އަހަރު އެވެ.