އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މައްސަލާގައި ދައުވާ އުފުލި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވުމާއި ގުޅިގެން މިނިސްޓަރު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަގީގަތް ކޯޓުގައި ސާފުވާނެ ކަމަށާއި ޕީޖީ ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށެވެ.

އަދި މަހްލޫފުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ހުސެއިން ޝަމީމްގެ ޗެޓްލޮގްގެ ފޮޓޯތަކެއް ޓުވީޓްގައި ވަނީ ހިއްސާކުރައްވާފަ އެވެ.

އެ ޗެޓްލޮގުގައި ޝަމީމް ވަނީ މަހްލޫފްގެ މައްސަލަ ދިގުލައިގެން ދިޔައީ ބޭކާރު ގޮތުގައި "ފުއްޕީމަ" ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ފުލުހުންގެ ވެސް މިހާރު އެއްވެސް ސިމްޕަތީއެއް ނެތް ކަމަށް ވިދާޅުވެ، މިހާރު "ސައިޒުވީ" އަދި "ނުފުއްޕަނީ" ކީއްވެތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަޒްމޫން ވިދާޅުވީ އެ ދުވަހު ޕީޖީ އެހެން ވިދާޅުވި ނަމަވެސް މައްސަލަ ނިންމަވާނީ ރަނގަޅު އުސޫލުގެ ތެރެއިން ކަމަށް އުންމީދުކުރެއްވި ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަކަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް،" މަހުލޫފް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ.)ގެ ދަށުން ރިސްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިނިސްޓަރ މަހްލޫފުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފަ އެވެ. އެއީ ރިސްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.