ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު ހެނދުނު 8:45 ގައި ކަމަށެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ޔާމީން އިސްތިއުނާފުކުރީ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުންނެވެ.

ގއ. ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރިކަމުގެ ކުށުގައި ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި އިއްޔެ ވެސް ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ފުލުފުލުން ދައުވާކުރަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުންނެވެ. އަދި އެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކޮށްފި ނަމަ މިހާރުގެ ސަރުކާރު ފަސޭހަކަމާއެކު ބަލިކޮށް އަލުން ވެރިކަމަށް އާދެވޭނެ އެވެ.