ޖެނީވާ (25 ނޮވެމްބަރު) - ސައުތު އެފްރިކާއިން ފެނުނު ކޮވިޑް 19ގެ އާ ވޭރިއަންޓާއެކު މުޅި ދުނިޔެ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

މިހަފްތާ ތެރޭގައި ފެނުނު "އޯމިކްރޯން"ގެ ނަމުން ނަން ދެވިފައިވާ މި އާ ވޭރިއަންޓްގެ ތަފްސީލުތައް ދެނެގަތުމަށް ހަފްތާތަކެއް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފައިވާއިރު، ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ މި ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

އެގޮތުން އިނގިރޭސިވިލާތާއި އެ ގައުމުގެ އަވަށްޓެރި ގައުމުތަކުން ވަނީ ބޯޑަރު ކޮންޓްރޯލް ފިޔަވަޅުތަކެއް އަޅައި ބައިނަލްއަގުވާމީ ދަތުރުފަތުރު ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. އޭގެ އިތުރުން ސައޫދީ އަރަބިއާއިން ވެސް ވަނީ ސައުތު އެފްރިކާއިން އެ ގައުމަށް ކުރާ ހުރިހާ ވައިގެ ދަތުރެއް މެދުކަނޑާލާފަ އެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީން ބުނި ގޮތުގައި ކޮވިޑް 19ގެ އަސްލާ ޚިލާފަށް މި ވޭރިއަންޓްގައި ސްޕައިކް ޕަރޮޓީންއެއް ހިމެނޭ ކަމަށާއި އެކަމުގެ ސަބަބުން ބަލި ފެތުރުން ހަލުވިވުން އެކަށީގެންވާ ކަމަށެވެ. ސައިންސްވެރިން ވަނީ މިއީ މިހާތަނަށް ޕެންޑަމިކް ފެށުނު ފަހުން ފެނުނު އެންމެ ނުރައްކާތެެރި ވޭރިއަންޓަށް ވާނެ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޑަބްލިއުޓީއޯ)އިން ވަނީ މިކަމާ ގުޅޭ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހުރިހާ ގައުމުތަކަށް ގޮވާލައިފަ އެވެ.

ނަމަވެސް އެޕިޑޮމޮލޮޖިސްޓުން ބުނަނީ ދަތުރުފަތުރު ހުއްޓާލަން މިހާރު މާ ލަސްވެއްޖެ ކަމަށާއި މި ވޭރިއަންޓް ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ވެސް ފެތުރިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާތަނަށް ކޮވިޑް 19ގެ އެންމެ ނުރައްކާތެރި ވޭރިއަންޓެއްގެ ގޮތުގައި ބެލެވިފައި އޮތީ 2020 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓެވެ. އަލަށް ފެނުނު ވޭރިއަންޓާއި ޑެލްޓާ ވޭރިއަންޓް އަޅާ ކިޔައި އެއްވެސް ތަފްސީލެއް ޑަބްލިއުއެޗްއޯ އާއި ސައިންސްވެރިން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

2019 ވަނަ އަހަރު ޗައިނާއިން ފެނުނު ކޮވިޑް 19 މިހާތަނަށް މުޅި ދުނިޔެއިން 260 މިލިއަން މީހުންނަށް ޖެހިފައިވާއިރު އެ ބަލީގައި 5.4 މިލިއަން މީހުން ވަނީ މަރުވެފަ އެެވެ. -- އަލް އަރަބިއްޔާ