ފިރިހެނުންނާ އަޅާ ބަލާއިރު އަންހެނުންގެ ވިސްނުންތޫނު ކަމަށް ފަހުގެ ދިރާސާއަކުންް ދައްކައިފި އެވެ. އެގޮތުން ކަންކަމަށް ސަމާލުކަން ދިނުމާއި، އަނެކާގެ އިޙްސާސްތައް ދަނެގަތުމުގައި އަންހެނުން އުޅެނީ ކުރީގައިކަމަށް ދެނެގަނެވިފައިވެ އެވެ.

މިކަން ދެނެގަތުމަށްޓަކައި ވޮޝިންޓަންގައި 46،034 މީހުން ބޭނުންކޮށްގެން ދާދފަހުން ދިރާސާއެއް ހެދިފައިވެ އެވެ. އަންހެނުންނާއި ފިރިހެނުން ހިމަނައިގެން ހެދި މިދިރާސާގެ އިސް އޮފިޝަލެއްކަމަށްވާ ޑެނިލް ޖީ އެމެން ބުނެފައިވަނީ، މިއީ "ޖެންޑަރ ބޭސްޑް ބްރެއިން" ގެ ތަފާތު ދެނެގަތުމަށް ހެދުނު ވަރަށް މުހިއްމު ދިރާސާއެއް ކަމަށެވެ. އަދި މިދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ދެޖިންސުގެ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވިދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ދިރާސާ ކުރިއަށް ދިޔައިރު 119 ސިއްޙީ ދަރުމަވެރިން ހަރަކާތްތެރިވެފައިވެ އެވެ. އަދި އެކި ކަހަލަ ސިކުނޑީގެ ބަލި ހުންނަ 26،683 މީހުންވެސް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ސިކުނޑީގެ ޓިއުމަރާއި ބައިޕޯލާ ޑިސްއޯޑާ އާއި މޫޑް ޑިސްއޯޑާ ފަދަ ބަލިތައް ހުންނަ މީހުން ވެސް ބައިވެރިވެފައިވެ އެވެ.

މިދިރާސާ ކުރިއަށް ދިޔައިރު ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ސިކުނޑީގެ މަސައްކަތް އަވަސްކަން ފާހަގަ ކުރެވިފައިވެ އެވެ. އެހެންނަމަވެސް ކަންކަން ތަސައްވަރު ކުރުމާއި، ކަންކަން ހަމަޖެއްސުމުގައި ފިރިހެނުން ކުރީގައި އުޅެ އެވެ.

މި ދިރާސާތަކަށްފަހު ނެރުނު ރިޕޯޓްތަކުން އެނގުނު ގޮތުގައި އަންހެނުންނަކީ ޑިޕްރެޝަން ފަދަ ބަލިތަކަށް ދިޔުމުގެ ފުރުޞަތު ބޮޑަށް އޮންނަ ބައެއްކަން އެނގިފައިވެ އެވެ. އަދި އަންހެނުންނާއި ހިލާފަށް ފިރިހެނުންނަކީ ކަންކަމަށް އަހައްމިޔަތު ދީގެން ކަންކަން ކުރުމަށް ފަރުވާކުޑަ ބައެއްކަންވެސް އެނގިފައިވެ އެވެ.

މީގެ އިތުރުން ފިރިހެނުންނަށް ވުރެ ބޮޑަށް ހަމްދަރުދީ ވުމާއި، މީހުންގެ އިޙްސާސްތައް ދެނެގަތުމާއި، އަމިއްލަ ނަފްސަށް ބާރުފޯރުވުމުގައި އަންހެނުން ކުރި ހޯދައިފައިވާކަން ދިރާސާގައި ފާހަގަ ކޮށަ.

އަންހެނުންނާއި ފިރިހެނުންގެ ތަފާތު ދެނެގަތުމަށް މީގެ ކުރިންވެސް އެކި އެކި ދިރާސާތައް ހެދިފައިވާއިރު ގިނަ ދިރާސާތަށް ވަނީ ކާމިޔާބު ވެފަ އެވެ. އަދި ފަހަކަށް އައިސް ހެދޭ ގިނަ މިފަދަ ދިރާސާތަކުން ފިރިހެނުންގެ ޤާބިލުކަމަށްވުރެ އަންހެނުންގެ ވިސްނުން ރަނގަޅުކަމަށް ފާހަގަ ކުރެވިފައިވެ އެވެ.