ވޮޝިންޓަން (29 ނޮވެމްބަރު) - މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގެ ސީއީއޯ ޖެކް ޑޯސީ އޭނާގެ މަގާމުން އިސްތިއުފާ ދީފި އެވެ.

ޓުވީޓާ އިން އިއްޔެކުރި ޓުވީޓެއްގައި ޑޯސީ ބުނެފައިވަނީ މި ވަގުތަކީ ކުންފުނިން އެއްފަރާތް ވެލަންވީ ވަގުތު ކަމަށާއި ކުންފުންޏަށް މިހާރު ބޭނުން ވަނީ އާ ހިޔާލުތަކާއި ވިސްނުން ކަމަށެވެ.

ޑޯސީއަކީ 2005 ވަނަ އަހަރު ޓުވިޓާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފައުންޑަރެވެ. އިއްޔެއާ ހަމައަށް އޭނާ ދިޔައީ ޓުވިޓާގެ އިތުރުން ޕޭމަންޓް ފާމް ސްކޮއާގެ ސީއީއޯކަން ވެސް ކުރަމުންނެވެ.

ޑޯސީ މަޝްހޫރުވެފައި ވަނީ ހީނުކުރާ ފަދަ ނިންމުންތައް ނިންމާ ވެރިއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާއަކީ ޖެނުއަރީ ހައެއްގައި އެމެރިކާގެ ކެޕިޓޯލް ބިލްޑިންގައި ހިންގި ހަމަނުޖެހުންތަކާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭރުކޮށްލި ފުރަތަމަ ވެރިޔާއަށެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އެމެރިކާގެ ކޮންގްރެސްއަށް ނުރަސްމީ ގޮތަކަށް ހާޒިރުވެ އެންމެންނަށް ހައިރާންކަން ގެނުވާފަ އެވެ.

އާއްމު ގޮތެއްގައި ޑޯސީގެ ނިންމުންތަކަށް ތައުރީފު ލިބުނު ނަމަވެސް ދެ ކުންފުނީގެ ޒިންމާތަކާ ހަވާލުވެ ހުންނަން ޖެހުމުން ޓްވިޓާއަށް ދޭން ބޭނުންވާ ސަމާލުކަން ނުދެވޭ ކަމަށް ބުނެ ގިނަ ބަޔަކު މިފަހުން ވަނީ އޭނާއަށް ފާޑުކިޔުން އަމާޒު ކޮށްފަ އެވެ.

ޑޯސީއަށްފަހު ކުންފުނި ހިންގުމާ ހަވާލުވާނީ 2011 ވަނަ އަހަރު އެކުންފުންޏާ ގުޅުނު ޕަރަގް އަގަރްވާލް އެވެ. 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޕަރަގް ހުރީ އެކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރެއްގެ ގޮތުގަ އެވެ.

ސީއީއޯ ކަމުން އިސްތިއުފާ ދިން ނަމަވެސް ޓުވިޓާގެ ޖެނެރަލް ބޯޑުގައި އޭނާގެ ދައުރު ހަމަ ވަންދެން ހުންނާނެ ކަމަށް ޑޯސީ ބުންޏެވެ. ބޯޑުގައި އޭނާގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރު އެވެ.

މިކަމާ ގުޅިގެން ޓުވިޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑޯސީއަކީ ޓުވިޓާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް ކަމަށާއި އޭނާއަށްފަހު ވެސް ކުންފުނި މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް ދެން ތިބި ލީޑަރުން މަސައްކަތް ކުރާނެ ކަމަށެވެ. -- ރޮއިޓާސް