ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ބާތިލުކުރައްވައިފި އެވެ.

މި ހުކުމާއެކު ރައީސް ޔާމީނަށް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވިގެންދިޔައީ އެވެ.

ރައީސް ޔާމީންގެ ހުކުމް ބާތިލުކުރުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަވަނީ އުފާފާޅުކުރައްވަމުންނެވެ. އެގޮތުން ޝަރީއަތުގެ މަޖިލީސް ކުރިޔަށް ދިޔައިރު ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ ޕީޕީއެމްގެ އޮފީހުގެ ދޮރުމަތީގަ އާއި ވަރަށް ކެތްތެރިކަމާއެކު އެ ހުކުމްގެ އަޑު އަހަމުންނެވެ. އަދި ފަނޑިޔާރުން ހުކުމް އިއްވުމާއެކު ސަޕޯޓަރުން އުފަލުން އެ ޕާޓީގެ އޮފީހުގެ ދޮރުމައްޗަށް ނުކުމެ އުފާ ފާޅުކުރަން ފެށި އެވެ.

ހުކުމް އިއްވުމާ ގުޅިގެން ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައްގަށް ނަސްރު ދެއްވާނެ ކަމަށް އަބަދުވެސް ޔަގީންކުރައްވާ ކަމަށެވެ.

"އަނިޔާވެރިކަން އަބަދަކު ދެމި ނޮއޮންނާނެ. މިއަށް ވުރެ އުފާވެރި ދުވަހެއް އަޅުގަނޑުގެ ހަޔާތުގައި ނާންނާނެ،" އުފަލުން ރޮވިފައި ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ހުކުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑަށް ނަސްރެއް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވީ މިއަދަކީ ހައްގަށް ނަސްރު ލިބުނު ދުވަހެއް ކަމަށެވެ. އަދި އެ ހުކުމުން އެނގިގެން ދިޔައީ ޕީޕީއެމް އިން ދުވަހަކު ވެސް ގައުމަށް ހިޔާނާތްތެރިނުވާނެ ނުވާނެކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުންދިޔައީ މިއީ ސިޔާސީ ހުކުމެކޭ. ހައްގުގެ މަގުގައި ސާބިތުވެ ތިބޭނަން. އަދި ރައީސް ޔާމީނަށް އަނިޔާކުރި މީހުންނަށް އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ،" ވަރަށް އަސަރާއެކު ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވި އެވެ.