ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިތާ މާގިނައިރެއް ނުވަނީސް، އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކުރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.

މި އަމުރު ކުރިމިނަލް ކޯޓުން ނެރެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އިއްވި ޖަލު ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، މިހާރު ތަހުގީގުކުރާ މައްސަލައަކާ ވިއްދައި އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހެއްޓުން އެދި ކުރިމިނަލް ކޯޓުގައި ފުލުހުން އެދުމާ ގުޅިގެންނެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އަމުރު ނެރެ ދީފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

ކްރިމިނަލް ކޯޓުގައި ފުލުހުން އެދިފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް އޮތުމުން އެ މަނިކުފާނު ރާއްޖޭން ބޭރަށް ފުރާވަޑައިގެންފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީ އެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ނޫސްވެރިން ސުވާލުކުރުމުން ވެސް ނުބުންޏެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނު އިރު ކްރިމިނަލް ކޯޓުގައި މިހާރު އޮތް ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލަ އެވެ. ރ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާ އެވެ.

ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވަފައިވާ ހުކުމް ބާތިލްކޮށް މިއަދު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ހުކުމް ބާތިލްކުރި ކަމުގައިވި ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ހަގީގަތް ހޯދުމަށް އެމައްސަލަ އަލުން ތަހުގީގުކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށެވެ.