ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަހު މިހާރު ދެމުންދާ ވަރުގަދަ ސެކިއުރިޓީއަކީ ބޭނުންވާ ސެކިއުރިޓީއެއް ނޫން ކަމަށާއި އެހެން ނަމަވެސް ދިރިހުރުމަށްޓަކައި އެކަން ވެސް ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އާސްކް ސްޕީކާ ޕްރޮގްރާމްގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަހު މިއަދު ކަންކަން ވަރަށް ބޮޑަށް ބަދަލު ވެފައިވާ ކަމަށެވެ. އަދި މިހާރު ވަރަށް ގިނަ ރައްޔިތުންނަށް އެކަމުން ވަރަށް ބޮޑެތި ތަކުލީފްތަކެއް ވެސް އުފުލަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިކަމުގައި ދަތިތަކެއް ކުރިމަތިވާ އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން. އަދި އަޅުގަނޑު ބޭނުމެއް ނުވޭ އެހެން ބަޔަކަށް އުނދަގޫތަކެއް ވެސް ވާކަށް. އަހަން ޖެހޭ މި ސުވާލަކީ، އަޅުގަނޑު ދޫކޮށްލާ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އުއްތަމަ ފަނޑިޔާރު ނޫނީ އެހެން ބޭފުޅެއް އެއީ ޓެރަރިޒަމްގެ ޝިކާރަކަށް ދޫކޮށްލުން އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހުރި ގޮތްތޯ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތޯ،" ކުރީގެ ނަޝީދު ވިދާޅުވި އެވެ.

މިޕްރޮގްރާމްގައި ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަކީ ރާއްޖޭގެ ކުރީގެ ރައީސަކު މިނިވަން ކުރުމަށް ރާއްޖޭގެ ކޯޓަކުން އިއްވި ފުރަތަމަ ހުކުމް ކަމަށާއި މިއީ ވެރިކަމުން ބޭރުގައި އެ ބާވަތުގެ ކަމެއް 2،000 އަހަރުވީ ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި ހިނގި ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ޝަރުއީ ނިޒާމު މިނިވަން ވަމުން އަންނަތަން މި ފެންނަމުންދަނީ،" ނަޝީދު ވިދާޅުވި އެވެ.

ކޯޓުތަކުން ބައެއް ފަހަރު ނިންމާ ނިންމުންތައް ބައެއް ފަރާތްތަކަށް ހިތްހަމަނުޖެހި ހިނގައިދާނެ ކަމަށާއި ނަމަވެސް ޝަރީއަތް ރަނގަޅަށް ކުރެވި، ގަޒީއްޔާއެއް ރަނގަޅަށް ނިންމޭ ގޮތްވުމަކީ އެއީ މުޅި ރާއްޖެ އަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.