އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފި އެވެ.

ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކޯލިޝަންގެ ލީޑާޝިޕާއެކު ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އެގޮތުން އެ ހަރަކާތް މާލެއާއި އަތޮޅުތަކުގައި އިތުރަށް ވަރުގަދަ ކުރުމަށާއި ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާގުޅޭ ގޮތުން ރައީސް ޔާމީން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ލީޑަޝިޕްގެ ފަރާތުން މި ވޭތުވެދިޔަ ތަނުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސްދެއްވާ ކޯލިޝަންގެ މަސައްކަތްތައް ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތްތަކަށް ރައީސް ޔާމީން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ޔާމީން ވަނީ ރޭ ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަން ތަމްސީލުކުރައްވާ މެމްބަރުންނާއި އަދި ކުރީގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވާ އެ ބޭފުޅުންނަށް ވެސް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ހުރިހާ އެންމެން ގުޅިގެން ސިޔާސީ ހަރަކާތްތައް ފުޅާކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.