ޒުވާނަކު ފުޅާ ހަރުވާޅެއް ނުވަތަ ޖީންސެއް ލައިގެން އުޅޭ ތަން ނުފެންނަ ޒަމާނަކާ ދިމަލެއް ނުވެ އެވެ. ކޮންމެ ޒުވާން އަންހެނެއްގެ އަލަމާރީގައި ފުޅާ ހަރުވާޅެއް ނުވަތަ ޖީންސްއެއް އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް 70ގެ ތެރޭގައި މަޝްހޫރު ފުޅާ ހަރުވާޅުތައް އަނެއްކާވެސް ދިވެހީންގެ ތެރޭގައި ވަރަށް ވެސް މަގުބޫލުވާން ފަށައިފި އެވެ.

އުނަގަނޑުގެ މައްޗަށް ނަގާފައި ހުންނަ ދޫ ޖީންސް އަދި ހަރުވާޅުތައް ވަނީ ދިވެހީންގެ ހެދުންއެޅުމުގެ ގޮތްތަކުގެ ތެރެއަށް ވަރަށް ރަނގަޅަށް ވެސް ވަދެފަ އެވެ.

ފުޅާ ހަރުވާޅާއި ޖީންސް މިއީ އާންމު ދިރިއުޅުމުގެ ކޮންމެ ގަޑިއަކަށްވެސް ހަމަ ކަމުދާ އަދި ގުޅޭ ފެޝަން ޓްރެންޑެކެވެ. އަދި ރަސްމީ އެކި ކަހަލަ ވަގުތުތަކުގައި އަދި އޮފީސް އެޓައާއެއްގެ ގޮތުގައި ފުޅާ ފަޓުލޫނު ވެސް ދަނީ މިހާރު ބޭނުންކުރަމުންނެވެ. ފުޅާ ފަޓުލޫނުތައް އޮފީހަށް ލައިގެން ދާ ޒުވާން އަންހެނުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެނެވެ.

ބައެއް ޒުވާނުން ބުނާގޮތުގައި މި ފެޝަން އެހާ ކަމުދަނީ ގަޔަށް ދޫވެފައި ލައިގެން އުޅެން ފަސޭހަ އެއްޗަކަށް ވުމުންނެވެ.

"ޕްލާޒޯ ޕޭންޓްސް" ނަމަކަށް ކިޔާ މިފަދަ ޖީންސް އެންމެ ފުރަތަމަ މަޝްހޫރުވެފައިވަނީ 1970ގެ ކުރީކޮޅުގަ އެވެ. އެ ދުވަސްވަރު ފިލްމީތަރިންނާއި ސެލަބްރިޓީއިން އެންމެ ދޯޅަ ހެދުމުގެ ލިސްޓްގެ ކުރީގައި ފުޅާ ހަރުވާޅުތަކާއި ޖީންސް ހިމެނޭނެ އެވެ.

ފުޅާ ހަރުވާޅާއި ފަޓުލޫނު އެންމެ ގަދައަށް ވައިގައި ހިފީ 70ގެ އަހަރުތަކުގަ އެވެ. އެ ފެޝަން އުފެދިގެން އައީ 70ގެ އަހަރުތަކުގައި ކަމަށްވެސް ބުނެވެ އެވެ. ނަމަވެސް ޕްލާޒޯ ޕޭންޓްތައް އުފެދިގެން އައީ 1930ގެ ފަހުކޮޅު އެވެ.

ނަމަވެސް އެ ދުވަސްވަރު ޕްލާޒޯ ޕޭންޓްތަކަކީ "އަވާން ގާޑް" ފެޝަންގެ ގޮތުގައި ބަލައި އުޅުނު އެއްޗެކެވެ. އަވާން ގާޑް ފެޝަނަކީ އެ ވަގުތަކަށް ބަލާއިރު އާދަޔާ ހިލާފު ހެދުން އެޅުމުގެ ގޮތްތަކަށް ދީފައިވާ ނަމެކެވެ.

އެހެން ނަމަވެސް ޒަމާނާ އެކު މިއީ އާދަޔާ ހިލާފު ފެޝަނެއް ނޫނެވެ. މިއީ އެތައް ޒުވާނުންނެއްގެ ހިތް ދޫވެފައިވާ ސަޅި ފެޝަން އެކެވެ.