ޑިގްރީއަކީ ހަމައެކަނި ކަރުދާސްކޮޅެކޭ މީހުން ބުނާ އަޑު އަހަމެވެ. ދޮގެއްވާ ނޫނެވެ. އެއީ ހަމަ ކަރުދާސްކޮޅެކެވެ. އެހެން ނަމަވެސް މި ކަރުުދާސްކޮޅު ހޯދަން ލައްކަ ބުރަ މަސައްކަތެއް ކުރަން ޖެހެ އެވެ.

ޑިގްރީއަކާ ނުލާ މި ޒަމާނުގައި ރަނގަޅު ވަޒީފާއެއް ލިބި، ދިރިއުޅުން ބިނާކުރެވޭ ކަމަކަށް ވެސް ނުވެ އެވެ. އަދި ތިމަންނަގެ ދަރިފުޅު އަތުގައި ޑިގްރީއެއް އެބައޮތޭ ބުނެވުމުން މައިންބަފައިންނަށް ވެސް ދެން ހަތަރެސްކަން ހަމަވީ އެވެ.

ވަޒީފާއެއް ނުލިބިދާނެ ކަމުގެ ބިރަށާއި އާއިލާ މީހުންގެ އުންމީދުތަކާއި މުޖުތަމައުގެ ހާލަތާއި މި ހުރިހާ ކަމަކަށް ވިސްނާފައި ކިޔަވާ ކުދިންނަށް އޮންނަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފަ އެވެ. ނުނިދާ ހޭލާ ތިބެ، ގެއިން ބޭރަށް ނުނުކުމެ، އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ބައްދަލު ނުކޮށް، ހުރިހާ ވެސް ކަމަކަށް އޮންނަނީ އެސައިންމެންޓް ހެދުމެވެ. ހަމަޖެހިލައިގެން ލޮލުފިޔައެއް ޖަހާލެވޭ ވަރެއް ނޫނެވެ. ލޯ މަރާފައި ހުޅުވާ އިރު ދެތިން އެސައިންމެންޓް އޮންނަނީ ޑިއު ވެފަ އެވެ.

ދުނިޔެއަށް ދިމާވެފައި މިވާ ކޮވިޑު-19ގެ ބަލިމަޑުކަމުގެ އަސަރު މުޅި ދުނިޔޭގެ ތައުލީމީ ނިޒާމަށް ވެސް ފޯރާފާއިވާ އިރު، ގިނަ ކޯސްތަކުގެ ކްލާސްތައް ވެސް މިހާރު ކުރިއަށް ދަނީ އޮންލައިން ކޮށެވެ. މިއާއެކު ދަރިވަރުންނަށް ވަނީ ބުރަ ބޮޑުވެފަ އެވެ. މީގެ ކުރިން ހަތަރު ގަޑިއަށް ދެމިގެންދާ ކްލާސް މިވަނީ ދެ ގަޑިއިރުގެ އޮންލައިން ލެކްޗާ އަދި ދެ ގަޑި އިރު "ޓިއުޓޯރިއަލް" ހަދާ ވަގުތު ކަމުގައި ކަނޑައެޅިފަ އެވެ. ކޮންމެ ހަފްތާއަކު ހުރިހާ މާއްދާތަކުން ނިންމަން ޖެހޭ ޓިއުޓޯރިއަލް އާއި އެކު ނިންމަން ޖެހޭ އެތައް އެސައިންމެންޓުތަކާއި ޕްރެޒެންޓޭޝަންތައް ފުނިޖެހި، ހަމަ ރަނގަޅަށް ވެސް ބޯފަޅައިގެން ދާވަރުވެ އެވެ.

ދެން ބުނެފާނެ އެވެ. ވަގުތު އޮއްވާ އެސައިންމެންޓް ނުނިންމީ ކީއްވެގެން ހެއްޔެވެ؟ އެސައިންމެންޓް ނިންމަން އެކަށީގެންވާ ވަގުތު ނުދޭ ހެއްޔެވެ؟

ނޫނެކެވެ. ދިނެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު އެސައިންމެންޓް ނިންމުމަކީ އަހަރެމެން ކިޔަވާ ކުދިންގެ ކަށީގައި ހަރުލާފައި ހުންނަ ގޯސް އާދައެކޭ ބުނެވިދާނެ އެވެ. ކީއްކުރާނީ ހެއްޔެވެ؟ ޑިއު ޑޭޓް އައިސް ނުޖެހެނީސް ހަމަ ސުރުހީ ވެސް އަޅާނުލެވެނީ އެވެ.

ކޮންމެއަކަށް އެސައިންމެންޓް ނުނިމިގެން ދިރިއުޅުން މަތިން ފޫހިވެގެން އުޅެން ޖެހޭ ފަހަރު އާދެ އެވެ. އަދި ބޭރަށް ނުގޮސް ނުކައި ނުބޮއެ، ނުނިދާ އެސައިންމެންޓް ނިންމަން އިނދެވޭތައް އާދެ އެވެ. ކޮފީ އާއި ރެޑް ބުލް އާއި އެކްސެލް އަކީ އަހަރެމެންގެ އެންމެ ގާތް އެކުވެރިންނެވެ. މިހެން ގޮސް ޑިގްރީގެ ސެމިސްޓާއެއް ނިމޭއިރު ވެސް މީހާގެ ނަފްސާނީ ދުޅަހެޔޮކަން ހުންނަނީ އެފުށް މިފުށަށް ޖެހިފަ އެވެ. އަހަރެމެންގެ ތެރެއިން ގިނަ ކުދިންނަކީި ވަޒީފާ އަދާކުރަމުން ކިޔަވާ ކުދިންނެވެ. ބައެއް ފަހަރު ސިކުނޑިއަށް މާ ލޯޑު ބޮޑުވެގެން ގޮސް އެ ދެކަމުގެ ތެރެއިން އެއްކަމެއް ވެސް ރަނގަޅަށް ނުކުރެވޭ ފަހަރު އާދެ އެވެ.

މިކަންތައް މެނޭޖް ކުރުމަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް ކިޔައިދީފާނަމެވެ. ފަހަރުގައި މިއީ އެންމެ ރަނގަޅު އުކުޅުތަކަކަށް ނުވެވެސް ދާނެ އެވެ.

އެސައިންމެންޓް ގަޑިއަށް ނުނިމުނީ ހެއްޔެވެ؟ އެއީ އަދި "އެންޑް އޮފް ދަ ވޯލްޑް" އެއް ނޫނެވެ. މިހާރު ކުރިއަށް ގޮސްފައި އޮތް ހިސާބުން ފަށައިގެން ލިޔެ ނިންމާ ސަބްމިޓް ކޮށްލާށެވެ. އެއް ދުވަސް ދެ ދުވަސް ލަސް ވިޔަސް އެއީ މައްސަލައެއް ނޫނެވެ. ތާކުން ތާކު ނުޖެހޭ އެސައިންމެންޓެއް ލުމަށްވުރެ އެގޮތް މާ ރަނގަޅުވާނެކަން ގައިމެވެ. މިހެން ބުންޏަސް ލޭޓް ފައިންގެ ގޮތުގައި މާކްސްކޮޅު އެއްކޮށް ކެނޑި ހުސްވަންދެން ލަސް ނުކުރާށެވެ.

މީގެ އިތުރުން މާބޮޑަށް ސިކުނޑި ވަރުބަލި ވެއްޖެ ނަމަ ކުޑަ ބްރޭކެއް ނަގާލާ ސިކުނޑި "ރީޗާޖް" ކޮށްލާށެވެ. އާއިލާއާއި ރައްޓެހިންނާ އެކު މޫދަށް ގޮސް ނުވަތަ ބޭރަށް ނުކުމެލާ ކޮފީއަކަށް ނަމަވެސް އަރާލާށެވެ. އެސައިންމެންޓާ އޮފީހުގެ މަސައްކަތްތައް އެއް ފަރާތުގައި ބަހައްޓާފައި އަމިއްލަ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިސްކުރާށެވެ.

އެހެން ކަމުން މާބޮޑަށް ހާސްނުވެ ހަމަޖެހިލައިގެން އެސައިންމެންޓްތަކާއިގެން ކުރިއަށް ދާށެވެ. މީހާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގަދަވެ ސަލާމަތުން ހުރިއްޔާ ވަޒީފާވެސް އަދާކުރެވޭނެ އެވެ. އަދި އެއް ޑީގްރީ ކީއްކުރަން ހެއްޔެވެ؟ ދެ ޑިގްރީވެސް ހާސިލްކުރެވިދާނެ އެވެ.

އެހާ ހާސްވާ އެއްޗެއް ނޫނެވެ. ހުރިހާ ކަމެއް "ހަމަ ޖައްސާލާށެވެ."