ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިޔަށް ގެންދާ އެންޓިބޮޑީސް ޓެސްޓް ނުވަތަ ސީރޯ ޕްރިވެލެންސް ސާވޭ ދެ ދުވަހަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ސާވޭއަށް ބޭނުންވާ ސާމްޕަލްތައް ނަގަން ޖެހޭ ފަރާތްތަކަށް އެސްއެމްއެސްއެއް މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި އެސްއެމްއެސް ލިބޭ ފަރާތްތަކުން މިސަރވޭއަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މިސާވޭއަށް ބޭނުންވާ ސާމްޕަލްތައް ނަގާނީ ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށެވެ.

މި ސާވޭގައި

މާލޭގައި ސާމްޕަލް ނަގަނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ. އަދި ހުޅުމާލޭގައި ސާމްޕަލް ނަގަނީ ޖެމްސް ޕްރީސްކޫލްގަ އެވެ. ވިލިމާލޭގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭ ހޮސްޕިޓަލުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ކުރިއަށްގެންދާ ސީރޯ ޕްރިވެލެންސް ސާވޭއަކީ ރާއްޖޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރުނު މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ދެނެގަނެ، ކޮވިޑް އިތުރަށް ފެތުރިގެންދާ ބާރުމިނާއި ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަބުރު މިހާރު ވަނީ ނިމިފައެވެ. އެ ބުރުގައި ސާމްޕަލް ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުދިންގެ އެވެ. މިހާރު މި ސާވޭގެ ދެވަނަބުރު ފެށިއިރު ހަތަރު ހަފްތާގެ ތެރޭގައި ސާވޭ ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެ އެވެ.