ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 44 ވަނަ ޖަލްސާގަ އެވެ.

އެގޮތުން މި ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި، ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލު ކަނޑައަޅައި ބަޔާންކޮށްފައިވެ އެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް މިވަނީ އިސްލާހު ގެނެސްފަ އެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުންވެސް މި ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވެ އެވެ.

ޖިންސީ ކުށުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.