އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ފަޅާއަރުވާލައިފި އެވެ.

ފެންޑޯރާ ޕޭޕާސްއިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ނުފޫޒު ހުރި ވިޔަފާރިވެރިން ހިންގާފައިވާ ސިއްރު މާލީ މުއާމަލާތްތައް މީގެ ކުރިން ވެސް ލީކް ކޮށްލާފަ އެވެ.

ފުއްގިރި މައްސަލާގައި ފެންޑޯރާ ޕޭޕާސްއިން ލީކް ކޮށްލާފައިވާ މައުލޫމާތުތަކަށް އެރަށް ކުއްޔަށް ދޫކުރުމުގެ ރިޝްވަތު ދިނުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރިވެރިއެއް ކަމަށްވާ އަވިނަޝް ބޮސާލް އެވެ. އަދި މީގެ އިތުރުން އޭނާ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ޕްރޮޕަޓީ ޑިވެލޮޕަރެވެ.

މީގެ އިތުރުން ޕެންޑޯރާ ޕޭޕާސް އިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމާލަތުގައި އިސްކޮށް ހުރީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ފުއްގިރި ގަތުމުގެ މުއާމަލާތް ކުރުމަށް ރަޝިއާ ރައީސްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ކެރިލް އެންޑްރޮސޯވް ފަންޑް ހޯދާފައި ވަނީ ރަޝިއާގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕެއް ކަމަށްވާ ސޮންޓްސްވޯ ގްރޫޕްގެ ވެސް ބައިވެރިވުމާއި އެކުގަ އެވެ.

ލީކް ކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި ފުއްގިރި ދޫކޮށްފައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ޑެޕެޒާ ސާވިސަސް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެއީ 40 ޕަސެންޓް ތުރުކީގެ ދެ ވިޔަފާރިވެރިއެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ އަނެއް 50 ޕަސެންޓް އޮތީ ކޮން ބައެއްގެ އަތުގައި ކަމެއް ކުރިން އާއްމުކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޕެންޑޯރާ ޕޭޕާސްއިން ބުނި ގޮތުގައި އެ ކުންފުނީގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ސިންގަޕޫރުގައި ރަޖިސްޓްރީ އޮންނަ ޕްރައިވެޓް އެކުއިޓީ ފަންޑެއް ކަމަށްވާ ލޭންގް ކެޕިޓަލް ފަންޑްގަ އެވެ. އެ ފަންޑު ފައިނޭންސް ކުރީ ނޮވިޓްސްކީ ކަމަށާއި ހިންގީ އެންޑްރޮސޯވް ކަމަށް ޕެންޑޯރާޕޭޕާސް އިން ބުނެ އެވެ.

ފުއްގިރި ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސަން ކުންފުންޏާއި ކްރިކް ރިޒާގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެކަމަކު އެ ޕޭޕަރުގައި ވެސް ރައީސް ޔާމީނަށް އެއްވެސް ރިޝްވަތެއް ދިން ކަމަށް ބުނެފައެއް ނެތެވެ. ހަމައެކަނި އޮތީ އެ މުއާމަލާތް ހިންގިއިރު ވެރިކަމުގައި ހުންނެވީ އެ މަނިކުފާނުކަމެވެ.