ބޮލީވުޑްގެ މަގުބޫލު އެކްޓްރެސް ކެޓްރީނާ ކެއިފް އާއި އެކްޓަރު ވިކީ ކޯޝަލްގެ ކައިވެންޏަށްފަހު، ރާއްޖެއަށް ހަނީމޫނަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދުވަސްކޮޅު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ކައިވެނިއަކީ ބޮލީވުޑްގެ ކުޅަދާނަ އެންމެ މަގުބޫލު ތަރިން ކަމަށްވާ އެޓްރީނާ އާއި ވިކީ ކައިވެނި ހަފްލާ އެވެ.

ކެޓްރީނާއާއި ވިކީގެ ކައިވެނީގެ ހަފްލާތައް މިއަދު ރާޖިސްތާނުގެ ސިކްސް ސެންސަސް ހޮޓަލުގައި ވަނީ ފެށިފަ އެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެތަރިން ކައިވެނި ކުރަން ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.

ކައިވެނީގެ ހަފްލާތައް މި މަހުގެ 12އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.

އަދި އެ ދެ ތަރިން ކައިވެނި ހަފްލާ ލައިވް ސްޓްރީމް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކައިވެނި ހަފްލާތައް ފަހުގައި ކެޓްރީނާއާއި ވިކީ ހަނީމޫނަށް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް އެމީހުން ހަނީމޫނު ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މިހާރު ކެޓްރީނާ ކުރަމުން އަންނަ މަސައްކަތަކީ ސަލްމާން ހާނާއެކު ކުޅޭ "ޓައިގާ 3" ގެ މަސައްކަތް ނިންމާލުމާއި އިތުރު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް އޭނާ ފަށާނެ ކަމަށް ބެލެވެ އެވެ.

ވިކީ ކޯޝަލް ދެން އެންމެ އަވަހަށް ފެންނާނީ މޭގްނާ ގުލްޒާރްގެ "ސޭމް ބަހާދޫރް" އިންނެވެ.