އެމެރިކާގެ މޯޓޭޖް ކުންފުންޏެއްގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު ޒޫމް ކޯލެއް މެދުވެރިކޮށް އެ ކުންފުނީގެ 900 އަށްވުރެ ގިނަ މުވައްޒަފުން އެއްފަހަރާ ވަޒީފާއިން ކަނޑާލައިފި އެވެ.
ބެޓާ ޑޮޓް ކޮމްގެ ސީއީއޯ ވިޝާލް ގަރްގް އޭނާގެ ކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ 900 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރީ މާކެޓުގެ ހާލަތަށް ބަލާއިރު ކުންފުންޏަށް އެކަން ކުރަން މަޖުބޫރު ވެގެން ކަމަށް ބުނެ އެވެ.
"މި ކޯލްގައި ހިމެނޭނަމަ ތިޔައީ ވަޒީފާއިން ވަކިކުރެވުނު ފަރާތެއް. މިކުންފުންޏާއެކު ތިބާގެ ވަޒީފާ މިވަގުތުން ފެށިގެން ނިމުމަކަށް އައީ" ޒޫމް ކޯލުގައި ވިޝާލް ބުންޏެވެ.
ތިން މިނެޓު ދިގު އެ ޒޫމް ކޯލުގައި ވިޝާލް ވަނީ މިއީ މިފަހުން އޭނާ ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށް ބުނެފަ އެވެ. އަދި ކުންފުނީގެ ފަރާތުން ރަސްމީކޮށް އެކަން އެންގޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.
"މިއީ އަހަރެންގެ ނިންމުމެއް. އެހެންވީމަ އަހަރެންގެ ފަރާތުން މި ނިންމުން އިވެން ބޭނުންވި." ފޯނުގައި ބައިވެރިވި މުވައްޒަފުންނާ މުހާތަބުކޮށް ވިޝާލް ބުންޏެވެ.
މި ކޯލުގެ ރެކޯޑިންއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ވިޝާލައަށް ވަނީ މިކަމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެގޮތުން އެހާ ގިނަ މުވައްޒަފުންތަކެއް ނޯޓިސްއެއް ނެތި ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މުވައްޒަފުން ވަކިކުރި ކަމަވެސް އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ޒޫމް ކޯލެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ވިޝާލްގެ މި ނިންމުމާއެކު ބޭޓާ ޑޮޓް ކޮމްގެ މެނޭޖްމަންޓް މަގާމުތަކުގައި ތިބި އިތުރު ތިން މީހަކު ވެސް ވަނީ އެމީހުންގެ މަގާމުން އިސްތިއުފާ ދީފަ އެވެ.
ބޭޓާ ޑޮޓް ކޮމްގެ ފައިނޭންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ނިންމުމާއެކު އެކުންފުނީގެ މުވައްޒަފުންގެ ނުވަ ޕަސެންޓް މަދު ކުރެވުނީ އެވެ.
އިޝްތިހާރުވާން ކުރި ކަމަކާ ވައްތަރީ އެހެންމީހުން ނުކުރާ ކަމެއް ކޮށްލީނު