ވިއެނާ (12 ޑިސެމްބަރު) - 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަ ކުރުމަށް ބާއްވާ މަޝްވަރާތަކުގައި ކުރިއެރުން ލިބެމުން އަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

"މަޝްވަރާތައް ދަނީ އުއްމީދީ ގޮތެއްގައި ކުރިއަށް ދަމުން. އަދިވެސް މަޝްވަރާކޮށް އެއްބަސްވާން ޖެހޭ ކަންކަން އެބަހުރި،" އީޔޫގެ ފަރާތުން ވިއެނާގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނާއި މަޝްވަރާތަކުގެ އެހެނިހެން ބައިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި އެއްބަސް ވުމަކަށް އަންނަން ޖެހޭ އަށްވަރަކަށް ޕޮއިންޓް އަދި އެއްބަސްވުމުގައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު އެމެރިކާއިން އީރާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވީ 2015 ވަނަ އަހަރުގެ އެއްބަސްވުން ވީހާވެސް އަވަހަކަށް އިޔާދަ ކުރަން އެމެރިކާއިން ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް މަޝްވަރާތަކުގައި ކުރިމަތިވެދާނެ ގޮންޖެހުމަކަށް އަދި އީރާނުގެ ފަރާތުން ދިމާވެދާނެ ހުރަހަކަށް ތަންޔާރުވެ އޮތުން މުހިއްމު ކަމަށް އޭނާ ބުންޏެވެ. -- އަލް އަރަބިއްޔާ