ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާގައި ބައިވެރިވި ކަމަށް އިއުތިރާފް ވެފައިވާ އަދުހަމް އަހުމަދު ރަޝީދަށް ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލުކުރަން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އަދުހަމާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ހަމަޖައްސާފައިވާ ކަމަށް ޕީޖީން ޙާމަކޮށްފައިވެ އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ވަނީ މި މައްސަލައާއި ގުޅިގެން ހަތަރު ދައުވާއެއް ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ. ނަމަވެސް ދައުލަތާއެކު ހަދާފައިވާ ކުށުގެ އިއުތިރާފް އެއްބަސްވުމުގެ ދަށުން، އަދުހަމަށް ކުރި ހަތަރު ދައުވާގެ ތެރެއިން ދެ ދައުވާ އުނިކުރިއެވެ. އަދި އުފުލީ ނިރުބަވެރި އަމަލެއް ކުރި ކުށުގެ ދައުވާއާއި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ކުށުގެ ދައުވާ އެކަންޏެވެ.

ދައުލަތުން އެއްބަސްވެފައިވަނީ އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ، އޭނާގެ އަދަބު 23 އަހަރުގެ ޖަލު ހުކުމަކަށް ކުޑަ ކުރުމަށެވެ.