އިންސާނާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި މި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިންސާނީ ހައްގުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތްކުރެއްވޭނެކަމަށާއި، އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެކަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމަ އެއާއެކު، އިންސާނާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާ ކަމަށާ، އަދި އިތުރު މަޝްރޫއުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އަސާސީ ހިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، މި ސަރުކާރުން އަންނަނީ އެ ހިދުމަތްތައް ގާއިމު ކުރަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ހައްގުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ހައްގުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާހައުލުގެ އެންމެހައި ކަންކަމުގެ ތެރެއިން، ވެށި ޙިމާޔަތްކުރުމަށް ސަމާލުކަން ދިނުމަށް ބާރުއަޅުއްވާފަ އެވެ.