މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމުން އެ އޮތޯރިޓީ އުވިއްޖެ އެވެ.

މި ބިލަކީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިއިން ދެމުންދިޔަ ޚިދުމަތްތައް ދެމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެންދާނެ ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ހަމަ އެއާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، އަދި އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުވާނެ ކަމަށް ވެސް މި ގާނޫނުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ އެވެ.